ގއ. މާމެންދޫގައި މިރޭ ހިންގި މާރާމާރީގައި ޒަހަމްވެ އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ފުރުވާލަން ޖެހިއްޖެ އެވެ.

އުމުރުން 17 އަހަރުގެ ޒުވާނަކު މަރުވި އެ ގުރޫޕް މާރާމާރީގައި ޒަހަމްވެ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އައީ ފިރުޝާން ޒާހިރު 21 އަށެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ ޒަހަމްވެ ފަރުވާދެމުން އަންނަ ޒުވާނާގެ ހާލު ސީރިއަސްވުމާ ގުޅިގެން ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެ ޕޭޝަންޓު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިރޭ 11:00 އެހާއިރު މާމެންދޫގައި ހިންގި އެ ގުރޫޕް މާރާމާރީގައި ލިބުނު ޒަހަމްތަކުގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

ހާލު ސީރިއަސްވެ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރާ ފިރުޝާން އާއި މަރުވި އުދައްޔުއަކީ ދެބެންނެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިހާރު މޭމެންދޫއިން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި މާލެއިން މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް މާދަމާ އެ ރަށަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.