09 Feb 2021, 00:42
ގއ. މާމެންދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި ކުއްޖަކު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މާރާމާރީގައި 17 އަހަރުގެ ކުއްޖަކު މަރުވުމުގެ އިތުރުން، އިތުރު މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފައިވާއިރު، މާމެންދޫއާ ކައިރި ގއ. އަތޮޅުގެ އެހެން ރަށްރަށުގެ ފުލުހުންވެސް މާމެންދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.
ހަމައެއާއެކު އެ ތަހުގީގު ކުރިއަށްގެންދާނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށާއި އެ ޑިޕާޓްމަންޓްގެ ޓީމެއް މިއަދު ހެނދުނު މާމެންދުއަށް ދާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
މި މައްސަލައިގައި މާމެންދޫގެ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދިނުމަށްވެސް ކޮމިޝަނަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ގްރޫޕް މާރާމާރީގައި ލިބުނު ޒަހަމްތަކާ ގުޅިގެން މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.