08 Feb 2021, 23:42
މާލޭ ސިޓީގައި ދިރިއުޅޭ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 55 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދެމުންދާއިރު، އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން 50-55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހައިރިސްކު ގްރޫޕުގެ މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި ފަރުވާ ނިމުނުތާ އަހަރެއް ނުވާ މީހުން
- ހަކުރު ބަލި ހުންނަ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބައްޔެއްގައި އުޅޭ މީހުން
- ކިޑްނީ ބަލިތަކުގެ ބަލިމީހުން
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން
- އިސްކޮޅާ އަޅާބަލާއިރު ބަރުދަން މަތި މީހުން (ބޮޑީ މާސް އިންޑެކްސް 40އިން މަތި)
- ތެލެސީމިއާ/ސިކްސްސެލް އެނީމިއާ ހުންނަ މީހުން
އެޗްޕީއޭ ބުނީ 50-55 އަހަރުގެ މީހުންނަށް ވެކްސިން ދޭ ތަންތަނަކީ ސޯޝަލް ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ކަމަށެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތުގަ އެވެ.
މާލެ އާއި ހުޅުމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ނަމަވެސް ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށް ދާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.
މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު އެ ތަންތަނުން ވެކްސިން ދޭނެ އެވެ.
އުމުރުން 55 އަހަރުން މަތީގެ މީހުން ވެކްސިން ދިނުމަށް ރަޖިސްޓްރީ ކުރުމުގައި ވެކްސިން ސެންޓަރަށް ދިޔުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ވެކްސިން ޖަހަންދާއިރު މިކަންކަމަށް ސަމާލުވާތި
އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
- ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
- ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 4،269 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.
މިހާރު މާލެ ސަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނައިރު، އަތޮޅުތަކުގައި ހަތް ވެކްސިނޭޝަން ސެންޓަރު އެބަހުއްޓެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.