ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޑް19ގެ ވެކްސިން ޖައްސަވައިފި އެވެ.

އެމަނިކުފާނު ކޮވިޝީލްޑް ވެކްސިން ޖެއްސެވީ މިއަދު ހަވީރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ.

ވެކްސިން ޖެއްސެވުމަށްފަހު ނައިބު ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމުގައި ބައިވެރިވެ، ވެކްސިން ޖެހުމަށް އެދިވަޑައިގެންފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހު "ކޮވިޑް19 ދިފާއު"ގެ ނަމުގައި ރާއްޖޭގައި ވެކްސިން ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންއަށް ބިނާކޮށް، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ކޮވިޝީލްޑް ބްރޭންޑުގެ ދަށުން އުފައްދާފައިވާ ވެކްސިނެކެވެ.

އިންޑިއާއިން ވަނީ އެ ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

މިއަދުގެ ނިޔަލަށް ރާއްޖޭގައި ޖުމުލަ 12،934 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ޖަހާފަ އެވެ.