ރާއްޖެއިން ޖުމްލަ 12،934 މީހުން ކޮވިޑް19ގެ ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން 10،626 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ.

އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދަކީ 2،308 އެވެ.

މިއަދުގެ ނަންބަރުތަކަށް ބަލާއިރު، މިއަދު މާލޭގެ ހަތް ވެކްސިނޭޝަން ސެންޓަރުން ޖުމްލަ 2،663 މީހުންނަށް އަދި އަތޮޅުތެރޭގެ 12 ވެކްސިނޭޝަން ސެންޓަރުން 527 މީހަކަށް ވެކްސިން ޖަހާފައިވެ އެވެ. މިއަދު ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދަކީ 3،190 އެވެ.

އިއްޔެ ވެކްސިން ޖެހީ 2،898 މީހުންނަށެވެ. އެއީ މާލެ ސަރަހައްދުން 2،375 އަދި އަތޮޅުތަކުން 523 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.