08 Feb 2021, 22:05
ދަރުބާރުގޭ ކައިރީ ޕީޕީއެމް، ޕީއެންސީން ކުރި މުޒާހަރާއެއްގައި ފުލުހުންގެ ސަފެއް ފޫއަޅުވާލިކަމުގެ ތުހުމަތުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު ޝުޖާއު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ރާއްޖެއަށް ގެނައި ކޮވިޑް19 ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން މިދިޔަ މަހު ދަރުބާރުގެ ކައިރީގައި ކުރި އިހުތިޖާޖުގައި އޭނާ ފުލުހުންގެ ސަފެއް ފޫއަޅުވާލިކަމުގެ ތުހުމަތުގަ އެވެ.
އެ އިހުތިޖާޖުގައި ޝުޖާއުއާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކުރުމަށްފަހު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ އެ ދެބޭފުޅުން ދޫކޮށްލުމަށެވެ.
ޝުޖާއުގެ ގާނޫނީ ވަކީލު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުންގެ ސަފު ފޫއަޅުވާލި ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް، އެކަމާ ގުޅޭ ބައެއް ވާހަކަތައް މިއަދު ނެގި ބަޔާނުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި ދަރުބާރުގެ ކައިރީގައި ފުލުހުންގެ ސަފެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ދަރުބާރުގެ ކައިރީގައި މިދިޔަ މަހު 27ވަނަ ދުވަހު ކުރި މުޒާހަރާއާ ގުޅިގެން ސުވާލު ކުރުމަށް އިއްޔެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ފުލުހުންގެ އިދާރާ އަށް އޮފީހަށް ހާޒިރުކޮށްފަ އެވެ.