ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީއާ ހިލާފުވާ ބޭރުގެ އިންވެސްޓަރުން ބްލެކްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރު ކުންފުނިތަކުން ކުރިމަތިލައި ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގަން ބޭރު ކުންފުނިތަކާ ހަވާލުކޮށް، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓް ކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ހޯދައި، ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކަމަށް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫއެއް ހިންގަން ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށްވެސް އެ ދެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އެފްޑީއައި ޕޮލިސީއާ ހިލާފަށް ހިންގާ ވިޔަފާރިތައް ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ހަވާލުކުރި ފަރާތާމެދު ވެސް ފިޔަވަޅު އެޅޭނެ އެވެ.

މީގެ އިތުރުން ގާނޫނާ އެއްގޮތަށް އަމަލުކުރަން މުއްދަތެއް ދީގެންވެސް އިސްލާހު ނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ކުރިއިއުލާނާއެކުރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފޮރިން އިންވެސްޓަރުންގެ ތެރެއިން ސައްހަ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތް ފަރާތްތަކުގެ ލިސްޓެއް ވަނީ ޝާއިއުކޮށްފަ އެވެ.

އެ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަކީވެސް ވަކި މަސައްކަތަކަށް ނުވަތަ ވަކި މަޝްރޫއުއަކަށް ހުއްދަ ދީފައިވާ ފަރާތްތަކަކަށް ވާތީ، ހުއްދަ ދީފައިވާ މަސައްކަތް ނުވަތަ މަޝްރޫޢު ނޫން އެހެން މަސައްކަތެއް ނުވަތަ މަޝްރޫއުއަކާއި ހަވާލުވުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށެވެ.