31 Jan 2012, 12:41
ޗެކް ބައުންސްގެ މައްސަލައެއްގައި ހައްޔަރުކޮށްގެން ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކޯޓަށް ހާޒިރުކޮށްދިނުމަށް ދެ ވަނަ ފަހަރަށް ފުލުހުންގެ މައްޗަށް އަމުރުކުރުމުން ބަލިހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ވިދާޅުވެ މުސްތަފާ މިއަދު ވެސް ކޯޓަށް ހާޒިރުނުވެ މެޑިކަލް ސެޓްފިކެޓްތަކެއް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާދީއްތަ ދުވަހު މުސްތަފާ ކޯޓަށް ހާޒިރުނުވުމުން މުސްތަފާ ބަންދުގައި ބަހައްޓައިގެން އިއްޔެ 11:00 އަށް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އާދީއްތަ ދުވަހު އަމުރުކޮށްފައި ވަނިކޮށް އޭނާ ހުށަހެޅި މެޑިކަލް ސެޓްފިކެޓްތަކުގެ މުއްދު ހަމަވުމުން މުސްތަފާ ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކުރި ކަމަށެވެ.
"އާދީއްތަ ދުވަހު މުސްތަފާ ކޯޓަށް ހާޒިރުނުވުމުން މުސްތަފާ ބަންދުގައި ބަހައްޓައިގެން އިއްޔެ 11:00 އަށް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އާދީއްތަ ދުވަހު އަމުރު ކޮށްފައި ވަނިކޮށް އޭނާ ވަނީ މެޑިކަލް ސެޓްފިކެޓްތަކެއް ހުށަހަޅާފައި. އެ ސެޓްފިކެޓްތަކުގެ މުއްދަތު މިއަދަށް ހަމަވެފައިވާތީ އަނެއްކާ ވެސް ކޯޓުން ފުލުހުންނަށް އަމުރުކުރީ މުސްތަފާ ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް ކޯޓަށް ހާޒިރުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ހާލަތުހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ދެ ދުވަހުގެ މެޑިކަލް ސެޓްފިކެޓްތަކެއް މުސްތަފާ ފުލުހުންނަށް ހުށަހެޅުމުން އެ ސެޓްފިކެޓް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"މުސްތަފާ ހުށަހެޅި މެޑިކަލް ސެޓްފިކެޓްގެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް މުސްތަފާ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރު ނެރުމުން ވެސް އަނެއްކާ މުސްތަފާ ވަނީ އިތުރު ދެ ދުވަހުގެ މެޑިކަލް ސެޓްފިކެޓް ފުލުހުންނަށް ހުށަހަޅާފައި. މިހާރު ފުލުހުން ވަނީ އެ ސެޓްފިކެޓްތައް ކޯޓަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ބަލިހާލަތު ހުރިގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް މުސްތަފާ ވިދާޅުވާ އިރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް އިއްޔެ ވެސް އޭނާ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. އަދި އެ ކޮމެޓީގެ ބަހުސްތަކުގައި ވެސް ބައިވެރިވަޑައިގެންނަވަ އެވެ.
ކޯޓު އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުނުވާ އެންމެން ވެސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުވުމަށް ފުލުހުންނަށް އަމުރުކުރުމަކީ އަބަދު ވެސް ކޯޓުން ކުރާ ކަމެކެވެ.
އާދީއްތަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަމުރުކުރުމުން ކޯޓަށް ހާޒިރުނުވެ، މުސްތަފާ ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
މުސްތަފާގެ ސިޓީގައި ވިދާޅުވަނީ ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި ޚިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ކަމަށް ވާތީ، ދަށު ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުނުކުރައްވާނެ ކަމަށް ދައުލަތުގެ އެންމެމަތީ ވެރިޔާގެ އެންގުމެއް ރާއްޖޭގެ މީޑިއާގައި އާންމުކޮށް އިއުލާންކޮށްފައި ވީހިނދު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ އާ ގުޅިގެން ކޯޓަށް ހާޒިރުވުމަކީ ގާނޫނު އަސާސީއާ ޚިލާފު، އަދި ގާނޫނު އަސާސީގެ ސިޔާދަތު ނަގާލެވޭ ފަދަ އަމަލަކަށް ވާތީ ކޯޓަށްހާޒިރުވާން އުޒުރުވެރިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަކީ ރައްޔިތުންގެ އިތުބާރުގެއްލިފައިވާ ބައެއް ކަމަށާއި ކޯޓަށް ހާޒިރު ނުވުމަށް ތިމަރަފުށީ ކައުންސިލުން ވެސް އޭނާ އަށް އިލްތިމާސްކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާ ފަދަ ފަނޑިޔާރުން އައްޔަން ކުރެއްވުމުން ކޯޓުގެ އަމުރަށް ފުރިހަމަޔަށް ކިޔަމަންވެވަޑައިގަންނަވާނެ ކަމަށެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަކީ މުސްތަފާ ގަބޫލު ނުކުރައްވާ ބަޔަކަށް ވާއިރު، މެޑިކަލް ސެޓިފިކެޓް ހުށަހަޅުއްވަނީ ކީއްވެތޯ ސަން އިން ދެންނެވުމުން މުސްތަފާ ވިދާޅުވީ މައްސަލަ އަކީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ނޫން ކަމަށާއި ހުރިހާ ވެސް މައްސަލައަކީ ޖޫޑިޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ] ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖޭއެސްސީއަކީ މިހާރު، ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ ބައެއް ނޫން ކަމަށާއި އެއީ "މިހާރު ސިޔާސީ ޖަމާއެތެއް" ކަމަށެވެ.