08 Feb 2021, 18:15
"ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ތުހުމތު ކުރެވޭ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގް ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގް ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ ހއ. ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށެވެ.
ނަމަވެސް ފަހުން ހައުސިން މިނިސްޓްރީގެ އެންގުމަށް ދިއްދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެރަށު ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނަސްފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުންވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި ނަޒީމް ބައިވެރިވެފައިވާކަން ވެސް ތަހުގީގުން އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފައިވާއިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަނާ ޚިލާފަށެވެ. ފްލެޓްތައް ދޫކޮށްފައި ވަނީ އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
"ހައުސިން ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޒީމްކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިން ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އިބްރާހީމް ނަޒީމްކަން މި މައްސަލައިގެ ތަހްގީގަށް ލިބިފައިވާ މައުލޫމާތުން ހާމަވެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ ދިއްދުއަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިން ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިން ޔުނިޓްތައް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަހްގީގަށް އެނގެން އޮވެއެވެ،" އެ ބަޔާނުގައިވެ އެވެ.
ނަޒީމަކީ ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިން ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާއެވެ. އެހެންކަމުން އޭނާ އަކީ ހައުސިން ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް އޭސީސީން ބުންޏެވެ.
މީގެއިތުރުން އެ ކޮމިޝަނުން ބުނީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް ހައުސިން މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، އެކަމަކީ، ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ އަމަލެއްކަމަށް ފާހަގަކުރެވޭ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ބައެއްގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާތީ، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވިނަމަވެސް، އެ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ފެންނަ ވާހަކަ ހައުސިން މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.