08 Feb 2021, 16:15
ނޭޕީޑޯ (ފެބްރުއަރީ 8): މިޔަންމާގައި މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެގައުމުގެ އަސްކަރިއްޔާއިން މިއަދު ދީފި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގައި މިދިޔަ ހޮނިހިރު ދުވަހު ބޮޑެތި މުޒާހަރާތައް ވަނީ ފަށައިފަ އެވެ. އަދި ދައުލަތުގެ ބްރޯޑްކާސްޓާ އެމްއާރުޓީވީން ވަނީ އެ މުޒާހަރާތައް ބާއްވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
"ދައުލަތުގެ ހަމަޖެހުމާއި، އާއްމު ރައްކާތެރިކަމާއި ގާނޫނީ ވެރިކަމަށް ހުރަސް އެޅުމުގެ އަމަލުތަކާ ދެކޮޅަށް ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅަން ޖެހޭ،" އެމްއާރުޓީވީން އިއުލާން ކުރި އެވެ.
މިޔަންމާގައި މިއަދު ބޭއްވި މުޒާރަހާތަކުގައި ޓީޗަރުންނާއި ވަކީލުންނާއި ބޭންކު އޮފިސަރުންނާއި ސަރުކާރު މުވައްޒަފުން ބައިވެރިވި އެވެ. އަދި އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ވޯޓާ ކެނަން ބޭނުންކޮށްފަ އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މިޔަންމާގައި އިއްޔެ ބޭއްވި މުޒާހަރާއަކީ 2007 ވަނަ އަހަރު އެގައުމުގައި އަސްކަރީ ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުންތަކަށް ފަހު ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ޕާލިމެންޓު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ އިންތިހާބުގައި އަންގް ސަން ސޫޗީގެ ޕާޓީން 80 ޕަސެންޓު ވޯޓު ކާމިޔާބު ކުރި އެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ. އޭގެ ސަބަބުން ވެރިކަން އަތުލުމަށް ފަހު ސިފައިން ވަނީ ކުއްލި ހާލަތު އިއުލާންކޮށް، އަލުން އިންތިހާބެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
އެ ބަޣާވާތް ކުރި ދުވަހު އަސްކަރިއްޔާއިން ސޫޗީ އާއި އޭރުގެ ރައީސް ވިން މަޔަންޓް އާއި އެ ސަރުކާރުގެ އިތުރު މެމްބަރުން ހައްޔަރު ކުރި އެވެ. އޭގެ ފަހުން ސޫޗީ އާއި ވިން މަޔަންޓް ތިއްބެވީ ގޭ ބަންދުގައި ކަމަށް އެ ދެ ބޭފުޅުންގެ ވަކީލު ވިދާޅުވި އެވެ.