08 Feb 2021, 15:37
ކޮވިޑް19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި ގިނަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫގައި މިވަގުތު ކޮވިޑް19ގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 16:00 އިން ފެށިގެން އައްޑޫ ސިޓީގެ ކެފޭ، ރެސްޓޯރެންޓްތަކުން ޓޭކް އަވޭ/ ޑެލިވަރީގެ ހިދުމަތް ފިޔަވައި އާއްމުންނަށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުމަށާއި ޓޭކްއަވޭ/ ޑެލިވަރީގެ ހިދުމަތް ދިން ނަމަވެސް ނަގުދު ފައިސާ ބޭނުން ނުކުރުމަށާއި ތަނުގެ މުވައްޒަފުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ކަށަވަރު ކުރަން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހަމައެއާއެކު އައްޑޫ ސިޓީގައި ގާޑިޔާތަކުގެ ހިދުމަތްތައް ހުއްޓާލާ
ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން އާންމު މައިދާންތަކާއި ޕާކުތަކަށް މީހުން އެއްވެ ނޫޅުމަށްވެސް ވަނީ އަންގައިފަ އެވެ.
އައްޑޫ ސިޓީ އިން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މައްޗަށް ގޮސްފައިވާއިރު އެ ސިޓީގައި ދެ ކްލަސްޓާއެއް އެބައޮތެވެ. އެއީ ހުޅުދޫ މީދޫ ގެ އެމްޓީސީސީ ސައިޓަކުން ފެނުނު ކްލަސްޓާ އާއި ހިތަދޫ އިން ފެނުނު ކްލަސްޓާ އެވެ.