08 Feb 2021, 16:02
ވޮޝިންޓަން (ފެބްރުއަރީ 8) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމަށް ޓަކައި ފުރަތަމަ އަޅަންޖެހޭ ފިޔަވަޅާމެދު އެމެރިކާއާއި އީރާން ދެބަސްވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައްއަޅައި އަދި އެންމެފަހުން އެކަހެރި ގޮތެއްގައި އެ އެއްބަސްވުމުން ވަކިވެސް ވެފަ އެވެ. އެމެރިކާގެ މި އަމަލުތަކާ ގުޅިގެން ނިއުކްލިޔާ އެއްބަސްވުމުން އީރާނަށް ލިބެން ޖެހޭ ހައްގުތައް ނުލިބޭތީ 2019 ވަނަ އަހަރުން ފެށިގެން އީރާން ވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލުކުރުން ހުއްޓާލައި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 ޕަސެންޓަށް މައްޗަށް ޖައްސައިފަ އެވެ.
މީގެއިތުރުން އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު ބައެއް ނިއުކްލިޔާ ފަންނީ މަސައްކަތްތަކާއި ނިއުކްލިޔާ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ވެސް ފަށައިފަ އެވެ.
އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން މަގާމާ ހަވާލުވެ ވަޑައިގެންނެވީ އޭނާގެ ވެރިކަމެއްގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަ ވާނެކަމުގެ ވައުދުތަކާ އެކުގައެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވެސް ބައިޑެން އާއި އޭނާގެ ސަރުކާރުގެ އިސްވެރިން ގެންދަވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވާނެ ކަމުގެ އިޝާރާތްތައް ދެއްވަމުންނެވެ.
މިއާ އެކު އީރާނުގެ މަސްއޫލުވެރިންވެސްވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ނިއުކްލިޔާ އެއްބަސްވުމަށް އަލުން އަނބުރައި އެމެރިކާ އިއާދަވެއްޖެނަމަ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ކުރަމުންގެންދާ ކަންތައްތައް ހުއްޓާލައި އެ އެއްބަސްވުމާ އެއްގޮތަށް އަލުން އަމަލުކުރާނެކަން ބަޔާން ކުރައްވަމުންނެވެ.
މި ޖަދަލު ކުރިޔަށް ދަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި އިއާދަވާނީ އީރާނުން އެ އެއްބަސްވުމުގައިވާ މާއްދާތަކަށް އަމަލުކުރަން އަލުން ފެށުމުންކަމަށް ބަޔާންކުރައްވައި ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އީރާނުން ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ސީބީއެސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވީ އީރާން މަޝްވަރާގެ މޭޒަށް ގެނައުމަށް ޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެކަމަށާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ އެ އެއްބަސްވުމުގައިވާ މާއްދާތަކަށް އަމަލުކުރަން އީރާން އަލުން ފެށުމުންނެވެ.
ބައިޑަންގެ ވާހަކަތަކަށް ފަހު އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެއްބަސްވުމުގައިވާ މާއްދާތަކަށް އަމަލުކުރަން އީރާން އަލުން ފަށާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ވިދާޅުވެފަ އެވެ. ޚަމަނާއި ވިދާޅުވީ އީރާން ނިއުކްލިޔާ އެއްބަސްވުމުން ވަކިނުވާ ކަމަށާ އެއެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެފައި ވަނީ އެމެރިކާ ކަމުގަ އެވެ. އަދި ނިއުކްލިޔާ އެއްބަސްވުމުން ވަކިވުމުގެ ކުރިން އޭގެ މާއްދާތަކާ ޚިލާފަށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީވެސް އެމެރިކާ ކަމަށާ އެހެންކަމުން އެމެރިކާއޮތީ އެއްބަސްވުން އަލުން ދިރުވަން އީރާނަށް ޝަރުތުތައް ކުރިމަތިކުރެވޭ ހާލަތުގައި ނޫންކަމަށް ޚަަމަނާއި ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމަކީ އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ ބައިނަލްއަގްވާމީ މުޖްތަމައަށް ދިނުމުގެ ގޮތުން އެމެރިކާ އިސްވެއޮވެ ދުނިޔޭގެ ބޮޑެތި ބާރުތަކާ ގުޅިގެން އީރާނާއެކު 10 އަހަރު ދުވަސް ވަންދެން ސިއްރިޔާތުގައާއި ފައުޅުގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ފަހު 2015 ގައި ސޮއިކުރި ބައިނަލްއަގްވާމީ އެއްބަސްވުމެކެވެ.
މި އެއްބަސްވުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ވަނީ ރުހުންވެސް ދީފަ އެވެ. މި އެއްބަސްވުމުގެ އެމެރިކާއާއި އީރާނުގެ އިތުރުން ބައިވެރިވަނީ ރަޝިއާ، ޖަރުމަނު، ފަރަންސޭސިވިލާތް، އަދި އިނގިރޭސިވިލާތެވެ. (އަލްޖަޒީރާ)