އެޕާޓްމެންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ، ޅ. ހިންނަވަރު، އަންބަރީގެ، އިބްރާހީމް ނަޒީދު 37ގެ މައްޗަށެވެ.

އޭނާ އެޕާޓްމެންޓު ދޫކުރާނެ ކަމަށް ބުނެ ފައިސާ އަތުލަމުން ދިޔައީ، ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައިގެން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

އޭނާގެ ޝިކާރައަކަށް އިތުރު ބައެއް ވެފައިވޭތޯ ބެލުމަށް ފުލުހުން މީގެ ކުރިން އޭނާގެ ވަނަވަރުވެސް އާންމު ކުރި އެވެ.

އޮޅުވަލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ބީއެމްއެލްގެ އޮފިޝަލުންނަށް ހެދިގެންވެސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން އަތުލަ އެވެ.

އެގޮތުން، ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުން އިލްތިމާސްކުރި އެވެ.