މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީ އައްޑޫ އެފްސީއިން، އައްޑޫ ސިޓީއަށް ކުރާ ޓްރޭނިން ދަތުރުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ޕްރެކްޓިސް މެޗެއް އައްޑޫ ސިޓީގައި ކުޅުމަށް ވީބީން ނިންމާފި އެވެ.

ވިބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީ އައްޑު އަށް ކުރާ ދަތުރު އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ގަމުގައި ޓީމް ގޮސް ތިބޭ އިރު، ޓީމްގެ ޕްރެކްޓިސް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހިތަދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަމަށް ސަތޯ ބުންޏެވެ.

"ޓީމްގެ ހުރީހާ ޕްރެކްޓިސް އެއް ކުރާނީ ހިތަދޫގައި. އަންނަ މަހުގެ 17 ވަނަ ދުވަހު ހުޅުދޫގައި ވެސް ޕްރެކްޓިސް އެއް ކުރާނަން. ހަމަ ޖެހިގެން އަންނަ (ފެބްރުއަރީ 18 ) ވަނަ ދުވަހު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައި. އެމެޗުގައި ވީބީ ނުކުންނާނީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް. އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ ގައުމީ ޓީމަށް ދައުވަތު ދީގެން މިހާރު." ސަތޯ ބުންޏެވެ.

ސަތޯ ބުނީ، އައްޑޫއަށް ކުރާ ދަތުރުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ވީބީން ވަނީ ހޯމް ނައިޓެއް ބޭއްވުމަށް ނިންމާފައި ކަމަށާއި އެނައިޓުގައި މިއުޒިކް ސޯ އެއް ވެސް އައްޑޫގެ ޒުވާނުންނާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ރާއްޖޭގެ ލަވަ ކިޔުންތެރިންނާ ވެސް ވާހަކަ ދައްކާފައި. މިދަތުރުގައި ބައިވެރިވުމަށް އެދި. މިނައިޓްގައި ވީބީ އައްޑޫ އެފްސީގެ ރަސްމީ ލަވަ އިފްތިތާޙް ކުރުން އޮންނާނެ. އަދި ރަސްމީ ޖޯޒީތައް ވެސް އިފްތިތާހް ކުރާނެ. އަދި ސަންވީލް ގާސިމް (ބޮންޑާ)ގެ ފުޓްބޯޅަ އެކަޑަމީއާ އެކު ރަސްމީކޮށް ސޮއި ކުރުން ވެސް އޮންނާނެ،" ސަތޯ ބުންޏެވެ.

ނިމިގެން ދިޔަ އަހަރު ވީބީއަށް ކުޅުނު މުހިންމު ކުޅުންތެރިންތަކެއް މިއަހަރުގެ ސީޒަންގައި ނުފެނުނު ކަމުގައި ވިޔަސް، ސަތޯ ބުނީ، ވީބީ އޮތީ ވޭތުވެދިޔަ ތިން އަހަރު ވެސް ހޯދި ކާމިޔާބީ މިއަހަރު ވެސް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން ވީބީގެ ސްކޮޑްގައި ތިބީ ވަރަށް ބެލެންސް ކުޅުންތެރިންތަކެއް ކަމަށް ސަތޯ ބުންޏެވެ.

"ވީބީގައި އޮތީ ވަރަށް ބެލެންސް ޓީމެއް. ސީޒަން ފެށުމުން އެކަން ސަޕޯޓަރުންނަށް ފެނިގެން ދާނެ. އަލަށް ގުޅުނު ކުޅުންތެރިންނަށް ބަލާފައި ވީބީގައި މިވަގުތު ތިބި ސްކޮޑަކީ ވަރުގަދަ ސޮކޮޑެއް." ސަތޯ ބުންޏެވެ.


ވީބީގެ މަޝްހޫރު އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ވީބީ ދޫކޮށް މިއަހަރު އެހެން ކުލަބްތަކާ ގުޅުނު ކަމުގައި ވިޔަސް ޓީމަށް އެއް ވެސް ކަހަލަ ހީނަރު ކަމެއް ނާންނާނެ ކަމަށާއި ބަކާ، ދަނގަޑޭ އަދި އިމްރާން ފަދަ ކުޅުންތެރިން ވީބީދޫކޮށް ދިއުމުން އޭގެ އަސަރު ވީބީއަށް ކުރިމަތިވިޔަސް، އެކުޅުންތެރިން ނެތް ތަން ފޫބޭއްދުމަށް ދުރާލާ ވީބީން ވަނީ މަސައްކަތް ފަށާފައި ކަމަށް ސަތޯ ވަނީ ބުނެފަ އެވެ.

ސީޒަނާ ކުރިމަތިލާ އިރު ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ވީބިން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސަތޯ ބުނީ ޒުވާން ކުޅުންތެރިން ވީބީއަށް ވަރަށް މުހިންމު ކަމަށާއި ވީބީގެ އަމާޒަކަށް ވެފައި ވަނީ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން މުޖްތަމައު ތެރެއަށް ނެރުން ކަމަށެވެ. އަދި ވީބީން އުފައްދާ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން ގައުމަށް ފާދަކުރާނެ ކަމަށް ވެސް ސަތޯ ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.