ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްކަލާމް އަބްދުލްމޮމެންގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މިނިސްޓަރު އަބްދުލްމޮމެންއާއެކު މިނިސްޓަރު ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލްހާމިދްއާއ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ.

ބަންގްލަދޭޝްއަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ދަތުރުގެ އެންމެ މުހިންމު އެއް ކަމަކަށް އޮންނާނީ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ބައްދަލުކުރެއްވުން ކަމަށާއި، ވަޑައިގަންނަވަނީ އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހެޔޮ ދުއާއާއި ސަލާމް ހިއްޕަވައިގެން ކަމަށެވެ.

ބަންގްލަދޭޝް އާ ރާއްޖެއަކީ ވަރަށް ހާއްސަ ގުޅުމެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އެތައް ހާސް ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށެވެ.

"އަދި ހަމައެއާއެކު ބަންގްލްދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ރަޖިސްޓްރީ ނުވެ އުޅޭ މައްސަލައަކީ ހައްލުކުރަން ޖެހިފަ އޮތް މައްސަލައެއް. އެހެންވީމަ މިހިރަ ކަންތައްތަކާ ގުޅޭގޮތުން މި ދަތުރުގައި އަޅުގަނޑު މަޝްވަރާ ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި ރާއްޖެއާ ބަންގްލަދޭޝް އާދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހިއުމަން ރިސޯސް ޕްލޭސްމަންޓް ނުވަތަ ބަންގަލަދޭޝްގެ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައުމާ ގުޅޭ އެމްއޯޔޫއަކާއި ގައުމުގެ ފޮރިން ސާވިސް އެކަޑެމީގެ އެމްއޯޔޫއެކެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މިއީ ކާބިޔާބު ދަތުރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.