31 Jan 2012, 12:01
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގެ ފެށުން ނައިފަރު ޖުވަނިއަލް ޓީމުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުޅުނު މިމުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެ، މުބާރާތުގެ ފެށުން ނައިފަރު ޖުވަނިއަލްއިން ރަނގަޅުކުރީ، ކުލަބް ޕީކޭއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ.
މެޗްގެ ސެޓްތައް ނައިފަރު ޖުވަނިއަލް އިން ކާމިޔާބުކޮށްފައިވާ ގޮތަށްބަލާ އިރު، ފުރަތަމަ 25-17 އިން ކާމިޔާބު ކުރި އިރު، ދެ ވަނަ ސެޓް ޖުވަނިއަލްއިން ކާމިޔާބު ކުރީ 25-4 އިންނެވެ. އަދި ފަހު ސެޓް ޖުވަނިއަލްއިން ކާމިޔާބު ކުރީ 25-12 އިންނެވެ.
މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނައިފަރު ޖުވަނިއަލް ޓީމުގެ އައިސަތު ނާޒިމާ އެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ދެ ވަނަ މެޗުގައި މި ރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލާބާއި ވިޗެންޒާ އެވެ. އަދި މުބާރާތުގައި މާދަމާ ރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ ނައިފަރު ޖުވަނިއަލް އާއި އަމިކާ ސްޕޯޓްސް އެވެ.
ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ އެވެ.