19:00


ގއ. ވިލިނގިލީ ހޮސްޕިޓަލަށް ދިޔަ ހަތް މަހުގެ މާބަނޑު މީހަކު ބަނޑުގައިވާ ދަރިފުޅާއެކު މިއަދު މަރުވެއްޖެ އެވެ.


ވިލިނގިލިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ އަތޮޅު ދާންދޫ އެ އަންހެން މީހާ ވިލިނގިލީ ހޮސްޕިޓަލަށް މިއަދު ގެންދިޔައީ މައިބަދައިގައި ރިއްސާތީ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް އެތަށް ފަހަރެއްގެ މަތިން  ޑޮކްޓަރު ގެނެސްދިނުމަށް ހޮސްޕިޓަލުގައި އެދުމުން ވެސް ޑޮކްޓަރު ގޮސްފައި ވަނީ އޭނާ މަރުވި ފަހުން ކަމަށް އެމީހާ ބުންޏެވެ.


ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިލިނގިލި ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އަންހެން މީހާ ގެންގޮސްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އޭނާ ގެންގޮސްފައި ވަނީ އިމަޖެންސީގައި ކަމަށް ނުވާތީ އެއްވެސް ޑޮކްޓަރަކު އޭނާ އަށް ފަރުވާދޭން ފަށައިފައިނުވާ ކަމަށެވެ.


ވިލިނގިލީ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ދެ މައިންގެ މީހާގެ މަރުގެ މައްސަލަ އާ ބެހޭ މަޢުލޫމާތު އަދި ހާމަނުކުރުމަށް ހެލްތު މިނިސްޓްރީން އަންގާފައިވާތީ އެކަމާ ބެހޭ މަޢުލޫމާތު ދެއްވެން ނެތް ކަމަށެވެ.


އެކަމާ ގުޅިގެން އެ އަންހެން މީހާގެ އާއިލާގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


އެ އަންހެން މީހާ ފުރަތަމަ ފަރުވާ ހޯދަން ދިޔަ ދާންދޫ ހޮސްޕިޓަލުގެ ހެލްތު އޮފިސަރ މުހައްމަދު އިބްރާހިމް ވިދާޅުވީ އެ އަންހެން މީހާ މަރުވިއިރު އޭނާގެ ބަނޑަށް ހަތް މަސް ވެފައިވާ ކަމަށެވެ. އަދި އޭނާ ދާންދޫ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ.


އެ އަންހެން މީހާ ދާންދޫ ހޮސްޕިޓަލަށް ދިޔައީ ބަނޑުގައި ރިއްސާތީ ކަމަށް ވެސް ހެލްތު އޮފިޝަލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެ އަންހެން މީހާ ވިލިނގިލީ ހޮސްޕިޓަލަށް ގޮސްފައިވަނީ އިމަޖެންސީގައި ނޫން ކަމަށާއި ނަމަވެސް އޭނާގެ ހާލު ގަޑިން ގަޑިއަށް ޑޮކްޓަރު ބަލަމުންދިޔަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.