ރާއްޖޭގެ ނޫސްވެރިން ނުރައްކަލަށް ވެއްޓި، ދި ޓީވީގެ އޮފީހާއި ސްޓޫޑިއޯ ހުންނަ އިމާރާތަށް ބަޔަކު ހަމަލާދިނުމުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިއެފްޖޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރެއް ކަމަށްވާ ދި ޓީވީގެ އޮފީހާއި ސްޓޫޑިއޯއަށް މި މަހުގެ 26 ވަނަ ދުވަހު ބަޔަކު ދިން ހަމަލާއާ މެދު އެ ޖައްމިއްޔާ އިން ވަރަށް ކަންބޮޑުވާ" ކަމަށެވެ.

ބަޔާނުގައި އަދި ވަނީ އެ ހާދިސާ އާއި ރާއްޖޭގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ހަމަނެޖެހުންތައް ރަނގަޅަށް ތަހުގީގުރުމަށް އެޖަމިއްޔާ އިން ގޮވާލާ ކަމަށާއި މިހާރަށް ވުރެ ރަނގަޅަށް ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި އެހެން ޕްރޮފެޝަނަލް ޖަމިއްޔާތަކާ އެކު ސީރިޔަސް ވާހަކަތަކެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ދި ޓީވީގެ އިމާރާތަށް ގާ އުކައި ބިއްލޫރިތައް ތަޅާލާފަ އެވެ. ރާއްޖޭގައި ނޫސްވެރިންނަށް ހަމަމަލާ ދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ތެރޭގައި އެމްއެންބީސީގެ ނޫސްވެރިއަކަށް ބަޔަކު ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު އެތަނުގެ ގޯތި ތެރެއަށް ވެސް ދޭތެރެ ދޭތެރެއިން ގާ އުކާކަން ފާހަގަކުރެވެ އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭ) އަކީ އައިއެފްޖޭއާ ގުޅިފައިވާ ޖަމިއްޔާއެކެވެ.