ނިއުދިއްލީ (ފެބްރުއަރީ 8): އަންޑަލައިސަންސް އުސޫލުން އިންޑިއާގައި އުފައްދާ ކޮވިޑް19 ވެކްސިނއަށް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޑިމާންޑް ބޮޑުވެއްޖެކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ނިއުދިއްލީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސްބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ އަންޑާ ލައިސަންސް އުސޫލުން އިންޑިއާގައި އުފައްދާ ވެކްސިންތައް ހޯދުމަށް ދުނިޔޭގެ އެކި ބައްރުތަކުން މިހާތަނަށް 25 ގައުމަކުން އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެފްރިކާއާއި އޭޝިއާގެ ފަގީރު ގައުމުތަކާއި މެދުފަންތީގެ ގައުމުތަށް ކަމުގަ އެވެ. އަންޑާ ލައިސަންސް އުސޫލުން އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން (އަސްޓްރާޒެނިކާ ވެކްސިން) މިހާތަނަށް 15 ގައުމަކަށް ފޯރުކޮށްދީފައިވާކަން އޭނާ ކަށަވަރުކޮށް ދެއްވި އެވެ.

އަންޑާ ލައިސަންސް އުސޫލުން އިންޑިއާގައި މިހާރު އުފައްދަނީ އޮކްސްފޯޑް-އަސްޓްރާޒެނިކާ ވެކްސިން އެވެ. މިއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ސްވިޑްންގެ އަސްޓްރާޒެނިކާ ކުންފުނި ގުޅިގެން ތަރައްގީކޮށްފައިވާ ވެކްސިން އެވެ. އަންޑާ ލައިސަންސް އުސޫލުން އިންޑިއާގައި މިވެކްސިން އުފައްދަނީ އިންޑިއާގެ މަޝްހޫރު ފާމާ ކުންފުންޏެއްކަމަށްވާ "ބާރާތު ބައޮޓެކް" އިންނެވެ.

އިންޑިއާއަކީ އަގުހެޔޮކޮށް މަސައްކަތްކުރާ ޓެކްނިކަލް ލޭބަރުން ގިނަގައުމަކަށްވާތީ ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނިތަކުން އަންޑާ ލައިސަންސް އުސޫލުން ބޭހާއި ވެކްސިން އުފައްދަން ހަވާލުކުރަނީ އިންޑިއާގެ ފާމާ ކުންފުނިތަކާއެވެ. މިގޮތުން އިންޑިއާގައި ބޭހާއި ވެކްސިން އުފެއްދުމުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ ފަދަ ދިރިއުޅުމުގެ ފެންވަރު މަތީ އަދި ޓެކްނިކަލް ލޭބަރުންގެ މުސާރަތައް ބޮޑު ގައުމުތަކުގައި އުފެއްދުމަށް ވުރެ އެތަކެތީގެ އަގުހެޔޮވެ އެވެ.

އިންޑިއާގައި ބޭސް އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ "ޑޮކްޓަރު ރެޑީޒް" ކުންފުނިން ވަނީ ރަޝިއާއިން އީޖާދުކުރި "ސްޕަޓްނިކްV" ވެކްސިން އަންޑާ ލައިސަންސް އުސޫލުން ގިނަ އަދަދަކަށް އުފެއްދުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް "ޑޮކްޓަރ ރެޑީޒް" ކުންފުނިން މިހާރު ވަނީ އިންޑިއާގެ "ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޮގަނައިޒޭޝަން" (ސީޑީއެސްސީއޯ) އަށް ހުށަހަޅައިފަ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އަންޑާ ލައިސަންސް އުސޫލުން އިންޑިއާގައި އުފައްދާ ވެކްސިން ހޯދުމަށް އެދެމުންދާ ގައުމުތަކުގެ ތެރޭގައި ގިނައީ ފަގީރު ގައުމުތަކެވެ. މީގެ އިތުރުން އަގުހެޔޮކޮށް ގިނަ އަދަދަކަށް ވެކްސިން ބޭނުންވާ ގައުމުތަކާ އަދި އިގްތިސާދީ ގޮތުން މެދުފަންތީގެ ގައުމުތައް ވެސް އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން ބޭނުންވެގެން އެކަމަށް ވަނީ އެދެން ފަށައިފަ އެވެ.

ޖައިޝަންކަރު ވިދާޅުވިގޮތުގައި އިންޑިއާއިން ވަނީ މަދު ގައުމުތަކަށް އެގައުމުތަކަށް ބޭނުންވާ ވެކްސިންގެ ތެރެއިން ބައެއް ހިލޭވެސް ފޯރުކޮށްދީފަ އެވެ. އަނެއް ބައި ގައުމުތަކަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދެނީ އިންޑިއާގެ ވެކްސިން އުފައްދާ ކުންފުނިތަކުން އިންޑިއާ ސަރުކާރަށް އެތަކެތި ވިއްކާ އެންމެ ހެޔޮ އަގުގަ އެވެ. އަދި މަދު ގައުމުތަކަކުން ވިޔަފާރި އުސޫލުން އިންޑިއާގެ ވެކްސިން އުފައްދާ ކުންފުނިތަކާ ސީދާ ގޮތެއްގައި މުއާމަލާތް ކޮށްގެން ވެސް ވެކްސިން ހޯދަން މަސައްކަތް ކުރަމުން ގެންދާކަމަށް ޖައިޝަންކަރު ފާހަގަ ކުރެއްވި އެވެ.

އިންޑިއާއިން ގެންދަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އަމިއްލަ ވެކްސިން އެއްވެސް އީޖާދު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. (އިންޑިއާގެ މީޑިއާ)