ދިވެހި ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރާ ދެ މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ މެންބަރަކު އައްޔަނު ކުރަންޖެހެނި މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންނަށް ކުރިމަތިލާން މިއަދު ހުޅުވާލާނެ ކަމަށެވެ.

"އެހެންކަމުން އެ މަގާމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިދެއްވުން އެދެން،" މަޖިލީހުގެ ރިޔާސަތުން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އާންމުންގެ ފަރާތުން މި ބޯޑަށް ކުރިމަތިލާން ހުޅުވާލާއިރު، ބަގާވާތް ނުވަތަ މިޔުޓިނީގެ މަސައްކަތް ފުލުހުންގެ ތެރޭގައި ހިންގި މީހުންނާ ގުޅޭގޮތުން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

އަދި ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، ފަންނީ، ރާއްޖޭގެ ތަރައްގީއަށް އަދި މަސްލަހަތަށާއި ކުރިއެރުމަށް މަސައްކަތްކުރާ ދިވެހިން ލޯބިވާ، އިހުތިރާމު ކުރާ ހިދުމަތަކަށް ހަދާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.