08 Feb 2021, 09:20
މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކުރި މައްސަލައާ ގުޅިގެން އޭނާ މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެ މައްސަލައާ ގުޅިގެން ބަޔާން ދިނުމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 04:00 އަށެވެ.
މުޒާހަރާގެ ތެރެއިން ޝުޖާއު އާއި އަދުރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ވެސް ގެންދިޔަ އެވެ. ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެ ދެމީހުންނަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަަމަށެވެ.
ފުލުހުން ކޯޓުގައި ބުނީ އެމީހުން ހައްޔަރުކުރީ އާންމު ދަތުރުފަތުރުކުރާ މީހުންނަށް އުދަނގޫވާނެ ގޮތަށް މަގުމަތީގައި އިށީނދެ، އަޑުގަދަކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ ދެމީހުން ވެސް ބަންދުން ދޫކޮށްލައިފަ އެވެ.
ދަރުބާރުގެ ކުރިމަތިން އެ ދެމީހުން ހައްޔަރުކުރި އިރު އަދުރޭ އާއި ޝުޖާއު އެތަނަށް ދިޔައީ ކޮވިޑް ވެކްސިނާ ގުޅޭގޮތުން ހެލްތު މިނިސްޓްރާ ބައްދަލުކުރުމަށްކަމަށް ވަނީ ބުނެފަ އެވެ.
އަދުރޭ ވިދާޅުވީ ދަރުބާރުގޭ ކައިރީގައި އިށީނދެގެން އިންނެވީ ކަކުލަށް ތަދުވާތީ ކަމަށެވެ.