08 Feb 2021, 09:48
ދިއްލީ (ފެބްރުއަރީ 8): އިންޑިއާގެ އުއްތަރަކަންދުގައި ފަރުބަދަމަތީ ގްލޭޝިއާއެއްގެ ބައެއް ކަނޑައިގެން ގޮސް، އެ ސަރަހައްދުގައި ހުރި ޑޭމްއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ފެނާއި ކިސަޑު ފައިބާ، ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެ އެވެ.
އުއްތަރަކަންދުގެ ފުލުހުން ބުނި ގޮތުގައި އެ ސްޓޭޓުގެ ޗަމޯލީ ޑިސްޓްރިކްޓުގައި ގަނޑުފެންގަނޑެއް ވެއްޓި، އެ ސަރަހައްދުން ދައުރުވާ ދައުލީ ގަންގާ ކޯރުގައި ޕްރެޝަރު ބޮޑުވީ އިއްޔެ އިންޑިއާ ގަޑިން 11:00ހާ އިރު އެވެ. އަދި އޭގެ ސަބަބުން ބާރު ސްޕީޑުގައި ފެނާއި ކިސަޑު ފައިބާ، އެ ދިމާލުގައި ހުރި ރިޝީގަންގާ ހައިޑްރޯއިލެކްޓްރިކް ޑޭމް ފަޅައިގެން ދިޔަ އެވެ.
އެއަށް ފަހު ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބުރިޖުތަކާއި ގެތަކަށް ގެއްލުން ލިބުނެވެ. އެ ހާދިސާގައި މަރުވި 14 މީހެއްގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށާއި 153 މީހަކު ގެއްލިފައިވާ ކަމަށް އުއްތަރަކަންދުގެ ޑިރެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޝޮކް ކުމާރު ވިދާޅުވި އެވެ.
އެ ހާދިސާގައި ބިންގަރާހެއްގައި ތާށިވި 12 މީހަކު މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އިތުރު ބިންގަރާހެއްގައި ތާށިވެފައިވާ 30 މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފެންބޮޑުވުމުގެ ނުރައްކާ ނެތް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނި ނަމަވެސް އެ ސަރަހައްދުގެ އަވަށްތަކުން އެތައް ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފަ އެވެ.