މާފަންނު ސޯސަން ސްޓޯރު ކުރިމަތިން އޮންނަ ބޮޑިބަތް ޕާކް، ޖޫސް ބޯތަނަކާ އެކު އިތުރަށް ތަރައްގީ ކުރުމަށް، މަހަކު 10،000ރ. އަށް ބަޔަކަށް ކުއްޔަށްދީފި އެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް ސުޖާއު އިއްޔެ ވިދާޅުވީ އެ ޕާކް އިތުރަށް ތަރައްގީ ކުރާ އިރު، އެތަނުގެ 60 ޕަސެންޓް ހުންނާނީ ގަސް ކަމަށާއި ނަމަވެސް ޕާކަށް އަންނަ މީހުން ޖޫސްބޯލުމަށް ޖޫސް ވިއްކާ ތަނެއް ޕާކްގައި ހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕާކް ޑިޒައިންކޮށް ބޭނުން ކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށެވެ.

އޭނާ ވިދާޅުވީ ޕާކް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކުރީ ބީލަމުގެ އުސޫލުން ކަމަށާއި އަދި އެ ތަން ތަރައްގީ ކުރުމަށް ހަވާލު ކުރީ ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށެވެ.

ސުޖާއު ވިދާޅުވި ގޮތުގައި ޕާކް ހުޅުވުމުން 24 ގަޑި އިރު އެތަން ބެލެހެއްޓި، "ކަޓަރު އެޅުމުގެ" އެއްވެސް ހާދިސާއެއް ނުހިނގާނެ އެވެ.