ކޮވިޑް ވެކްސިން ޖަހަން ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާތީ، ނަންބަރު ނަގައިގެން ވެކްސިން ޖެހޭނެ ގޮތަށް، ސޯޝަލް ސެންޓަރުގައި ކިޔޫ ސިސްޓަމް ގާއިމުކޮށްފި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފުރަތަމަ ފެށީ ޕޯޓަލްގައި ރެޖިސްޓާކޮށްގެން، އެޕޮއިންޓްމަންޓް އުސޫލުންނެވެ.

ނަމަވެސް ރެޖިސްޓާނުކޮށް ވެކްސިނޭޝަން ސެންޓަރުތަކަށް ދާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، އަދި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކަށް ވެސް ވެކްސިން ދެމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވަނީ ބުނެފަ އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންކަން ފެނިގެން ދަނީ ވަރަށް އުފާވެރިކޮށް ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކު ވެކްސިން ޖަހަން ރެޖިސްޓާކޮށް، ވެކްސިން ޖެހުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ވެކްސިން ޖަހަންދަނީ ސޯޝަލް ސެންޓަރަށް ކަމަށްވާތީ އެ ސެންޓަރުގައި މިހާރު ކިޔޫ ސިސްޓަމެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

"އެހެންވީމަ ކިޔޫ ނަންބަރު ނަގައިގެން ވެކްސިން ޖަހަން މަޑުކުރެވޭނެ މިއަދުގެ ފަހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖަހަންދާއިރު މިކަންކަމަށް ސަމާލުވާތި

  • އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން

  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
  • ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
  • ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން

ޕެންޑެމިކް އެއްގެ ތެރޭގައި ވެކްސިން ޖަހަން ހުޅުވާލުމުން، ބައެއް ކަހަލަ ކަންކަން ދިމާވާ ކަމަށާއި ނަމަވެސް އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު މާލެ ސަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނައިރު، އަތޮޅުތަކުގައި 14 ވެކްސިނޭޝަން ސެންޓަރު އެބަހުއްޓެވެ.

ރާއްޖޭގައި މިހާތަނަށް 9752 މީހަކު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖެހި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ދިމާވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.