08 Feb 2021, 09:10
ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މަތިވާން ފަށައިފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު އެޑްމިޓްކޮށްގެން 207 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގަ އެވެ. އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
ޑީއެޗް16 ގެ ވޯޑްގައި ހަތް މީހަކަށް ފަރުވާދެމުން އަންނަ އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ 189 މީހުން އެބަ ތިއްބެވެ. އަދި ގއ. ވިލިނގިލީ ފެސިލިޓީގައި އެކަކު، ލ. ގަން ފެސިލިޓީގައި އަށް މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވެސް ވަނީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޖެނުއަރީ މަސް ނިމުނު އިރު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައި ތިބީ 163 މީހެކެވެ. ފެބުރުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައި 44 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ.
އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ، ފަރުވާ ދޭނެ މީހުންނާއި ފަރުވާ ނުދީ ދޫކޮށްލާނެ މީހުން ނިންމަން ޖެހިދާނެ ހާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ވަނީ ދީފަ އެވެ.
އެޑްމިޓްކުރަންޖެހޭ މީހުން އިތުރުވަމުން އަންނަ އިރު، ބަލީގައި ރާއްޖެއިން މަރުވާ މީހުން ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރު ފެށުނު ފަހުން ރާއްޖެއިން ކޮވިޑުގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.