07 Feb 2021, 22:44
ބެއިޖިންގް (ފެބްރުއަރީ 7) : ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފެއްދި ދެވަނަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން ދީފިއެވެ.
ޗައިނާގެ ދެވަނަ ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ "ސިނަވޮކް ބައޮޓެކް" އިން ބުނީ އެކުންފުނިން އުފެއްދި ވެކްސިން "ކޮރޯނާވެކް" ކްލިނިކަލް ތަޖްރިބާގެ ތިންމަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާތީ ޗައިނާގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން އެވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާކަމުގައެވެ. ކޮވިޑް-19 ފެތުރެމުންދާ މިހާލަތަކީ އާންމު ސިއްހަތާބެހޭ އިމަޖެންސީ ހާލަތެއްކަން ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިންވަނީ ކަނޑައަޅާފައެވެ.
ޗައިނާއިން އެންމެ ފުރަތަމަ އުފައްދައި ބާޒާރަށް ނެރެފައިވަނީ "ސިނޮފާމް" ވެކްސިންއެވެ. އެވެކްސިންވަނީ ޗައިނާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރަން ފަށާފައެވެ. "ސިނޮފާމް" ވެކްސިން ބޭނުންކުރުމުން ކޮވިޑް ނުޖެހޭނެކަމުގެ ޔަގީންކަން 79 އިންސައްތައަށް އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ އިތުރުން "ސިނޮފާމް" ވެކްސިން އެންމެ ގިނައިން ބޭނުންކުރަމުން ގެންދަނީ ގަލްފުގެ މުއްސަނދި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި އިންޑޮނީޝިއާ ގައެވެ. މީގެއިތުރުން "ސިނޮފާމް" ގެ 17 މިލިޔަން ޑޯޒު ހޯދުމުގެ މަސައްކަތް ޕާކިސްތާނުން ގެންދަނީ ކުރަމުންނެވެ. އަފްޣާނިސްތާނަށް ހިލޭ އެހީގެ ގޮތުގައި "ސިނޮފާމް" ދެ މިލިޔަން ޑޯޒު ދޭނެކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާއިން ދެވަނަ ވެކްސިންއެއް ބާޒާރަށް ނެރެފައިވާއިރު މިއީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ (ވެކްސިން އުފައްދާފައިވާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން) ލިބުނު 8 ވަނަ ވެކްސިން އެވެ.
ކޮވިޑް-19 އާ ދެކޮޅަށް މިހާރު ބޭނުންކުރަން ފަށާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ "ސްޕަޓްނިކް V" ވެކްސިން (92 އިންސައްތަ ގެރެންޓީ)، އެމެރިކާއާއި ޖަރުމަނުގެ "ފައިޒާ ބިއޮންޓިކް" ވެކްސިން (95 އިންސައްތަ ގެރެންޓީ)، އިނގިރޭސިވިލާތާއި ސްވިޑްންގެ "އަސްޓްރާ ޒެނިކާ" ވެކްސިން (62 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ގެރެންޓީ)، ޗައިނާގެ "ސިނޮފާމް" ވެކްސިން (79 އިންސައްތައިގެ ގެރެންޓީ)، އެމެރިކާގެ "މޮޑާނާ" ވެކްސިން (95 އިންސައްތައިގެ ގެރެންޓީ)، އެމެރިކާގެ "ނޮވަވެކްސް" ވެކްސިން (90 އިންސައްތައިގެ ގެރެންޓީ) ، އެމެރިކާގެ "ޖޯންސަން އެންޑް ޖޯންސަން" ވެކްސިން (72 އިންސައްތައިގެ ގެރެންޓީ)، އަދި ޗައިނާގެ "ކޮރޯނާވެކް" ވެކްސިން އެވެ.
މީގެތެރެއިން އެމެރިކާގެ "ޖޯންސަން އެންޑް ޖޯންސަން" ވެކްސިންއަކީ އެންމެ ޑޯޒަކުން ދޭ ވެކްސިން އެކެވެ. އެނޫން ކޮންމެ ވެކްސިން އަކީވެސް 2 ޑޯޒު ދޭންޖެހޭ ވެކްސިން ތަކެވެ. (ސައުތް ޗައިނާ މޯނިންގް ޕޯސްޓް + ނޫސްއެޖެންސީތައް)