07 Feb 2021, 22:37
މިހާތަނަށް ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް ކޮވިޝީލްޑް ވެކްސިން ޖެހި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ދިމާވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ރާއްޖޭގައި މިހާތަނަށް 9752 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހި މީހުންގެ ފަރާތުން ހުން އައުމާއި، ވަރުބަލިވުމާއި، ވެކްސިން ޖަހާ ތަނަށް ތަދުވެ ރަތްވުން ފަދަ އަސަރުތައް ފެނިފައިވާ ކަމަށެވެ.
އަދި ސޯޝަލް ސެންޓަރުގައި ވެކްސިން ދިން ދެމީހަކު ކަރު ތެރެއަށް އުނދަގޫވެ، ހިތް އަވަސްވުން ފަދަ ކަންކަން ފާހަގަވި ކަމަށާއި، އެ ދެމީހުންނަށް ވެސް އެތަނުގައި ވަގުތުން ފަރުވާދީފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ފަދަ ރިއެކްޝަނެއް އިރާދަކުރެއްވިއްޔާ މިހާތަނަށް ފާހަގަވެފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ މީގެކުރިން ވިދާޅުވެފައި ވަނީ ވެކްސިންގެ ސަބަބުން ބޮޑު އެލާޖިކް ރިއެކްޝަން އެއް ކުރިމަތިވާނީ ވަރަށް މަދުން ކަމަށާއި، އެހެން ނަމަވެސް ނޭވާލާން އުނދަގޫވެ، ގައިގައި ފިތް ނެގުން ކަހަލަ ކަމެއްވާނަަމަ ވަގުތުން ހޮސްޕިޓަލަށް ދާން ވާނެ ކަމަށެވެ.
ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތައް:
• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް
• ހުންއައުން
• ވަރުބަލިވުން
• ބޮލުގައި ރިއްސުން
• މޭނުބައިކުރުން
• ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
އެފަދަ ކުޑަ އަލާމާތެއް ފެނިއްޖެ ނަމަ، މާލޭގައި ނަމަ 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ވާނެ އެވެ. ރަށެއްގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް މައުލޫމާތު ހިއްސާކުރަން ވާނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.