މިއަދު އެކަނި 2898 މީހަކަށް ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލޭގެ ހަ ވެކްސިނޭޝަން ސެންޓަރުން ޖުމްލަ 2375 މީހުންނަށް އަދި އަތޮޅުތެރޭގެ 14 ވެކްސިނޭޝަން ސެންޓަރުން 523 މީހަކަށް ވެކްސިން ޖަހާފައިވެ އެވެ.

މިއާއެކު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 9752އަށް އަރާފަ އެވެ. އެއީ މާލެއިން 7963 މީހުންނާއި އަތޮޅުތެރެެއިން 1789 މީހުންނެވެ.

މިއަދު 898 މީހަކަށް ވެކްސިން ޖަހާފައިވާއިރު، އިއްޔެ ވެކްސިން ޖެހީ 2575 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.