08 Feb 2021, 13:36
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ނުކުރެވި އަތޮޅުތަކުގެ ރަށްތަކަށް ބަލި ފެތުރިގެން އުޅެނީ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވުމުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެފި އެވެ.
ރޭ "ސަން" އާ ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ މަސްތަކެއް ވީއިރުވެސް ރައްކާތެރިކޮށް އޮތް ރަށްތަކަށް މިހާރު ކުއްލިއަކަށް ބަލި ފެތުރިގެން އުޅެނީ އިދިކޮޅު ސަރުކާރު ބޮޑުންގެ ސަބަބުން ކަމަށެވެ.
އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅަށް އަތޮޅުތަކަށް ދެވޭނެ ހުރިހާ ދޮރެއް ބަންދުކޮށް، ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގެ ބޮޑުން ރަށްތަކަށް ގޮސް އުޅުއްވަނީ މާސްކް ނާޅުއްވައި އެއްވެސް ގައިދުރުކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މީގެކުރިން ފެނިފަ އެބަހުރި ކޮވިޑުގެ ހާލަތުގަ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެބަހުރި ގޮސް ރަށްތަކަށް. ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީ އިން އެބަތިބި ގޮސް. ދަނީ މާސްކް އަޅައިގެން، ރައްޔިތުންނަށް ދައްކަނީ. އެކަމަކު އަޅުގަނޑުމެންނަށް ލިބޭ ފޮޓޯތަކުގައި މި އުޅެނީ ގައިދުރުކޮށެއް ވެސް ނޫން. ރައްޔިތުންގެ ސައިކަލު ފަހަތުން އެމްޑީން ވެސް މަޖިލިސް މެމްބަރުން ވެސް ފެންނަނީ. އެއްވެސް ޒިންމާދާރު ކަމެއް ވެސް ނެތް. އެހެންވީމަ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ސަރުކާރުގެ ފަރާތުން އަތޮޅުތެރޭގެ ރަށްތަކުގައި އަމަލުކުރުމުގެ ސަބަބުން ރަށްތަކުގައި ކޭސްތައް ފެތުރިގެން ދިއުން މީ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އަތޮޅުތަކަށް ބަލި ފެތުރިގެން އުޅެނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުންގެ ފަރާތުން ނޫންކަން މިހާރު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑައީ އިދިކޮޅުގެ ސިޔާސީ ލީޑަރުން ނޫން ކަމަށެވެ.
އެހެންކަމުން ޖަޒީރާރާއްޖެ މެނިފެސްޓޯ ހިފައިގެން ވެރިކަމަށް އައި ބަޔަކަށް، ޖަޒީރާ ގައުމެއްގައި ކޮވިޑް ކޮންޓްރޯލް ނުކުރެވުމަކީ ސަރުކާރުން ލަދުގަންނަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ސިޔާސަތުތައް ވަރުގަދަ ނަމަ ތިނަދޫއެއް ނުޖެހޭނެ މޮނިޓަރިން ހާލަތަކަށް ގެންދާކަށް މިއަދު. އެއަށްވުރެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން މިކަން ކުރަން ޖެހޭނީ،" ޝުޖާއު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، އިދިކޮޅުން އެދެނީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން ސިޔާސަތުތައް ހަރުދަނާކޮށް ބަލި ކޮންޓްރޯލް ކުރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމް އަކީ އަބަދުވެސް ގައުމީވަންތަ ފިކުރުގެ ޕާޓީއެއް ކަމަށާއި އިދިކޮޅުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސިއްހަތަށް ކަމަށެވެ.
އަދި ޕެންޑެމިކްގެ ތެރޭގައި ވެސް އިދިކޮޅުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ފެއިލްވެ ހާލުން ނެއްޓިގެން ދިއުމުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން އުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތެއްގެ ކަންބޮޑުވުން އެކުލެވޭ އެއްވެސް ކަމެއް، އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން ނުކުރާނެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއަކުން އަޑުނީވޭ، ކަންފަތް ބީރު ލޯކަނު ސަރުކާރަކަށް އަޑު އިއްވުމަށް ކުރާނެ ކަންކަން ހުންނާނެ. އެކަންތައްތައް ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެން ކުރަމުން ގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ދިއުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅަށް ނެތް ކަމަށް ވިދާޅުވެ އެކަމުގެ ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ވާދަވެރި ސިޔާސީ ޕާޓީން މި ތިބީ ކެތްމަދުވެފައޭ އަތޮޅުތެރޭގެ ކެމްޕޭނަށް ދާން. އެއީ ހަމައެކަނި ސަރުކާރުގެ ބޮޑުންނަށް ހާއްސަވެފަ އޮތް ކަމެއް ނޫނޭ. ދައުލަތަކުން މަލްޓިޕާޓީ ސިސްޓަމެއް ހިންގާ ސަރުކާރެއް ޒިންމާދާރު ކުރުވުމުގެ ގާނޫނީ ޒިންމާ އަޅުގަނޑުމެން ކޮނޑުގަ އެޅިފައި އޮތީ. އެއީ ގާނޫނުން ހަވާލުވެފަ އޮތް މަސްއޫލިއްޔަތެއް،" ޝުޖާއު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތައް ރަށު ބަންދުކޮށްފައި ސަރުކާރު ލީޑަރުން ރަށްރަށަށް ގޮސް އުޅުމަކީ މޮޅު ކަމެއް ނޫން ކަމަށާއި، އެއީ ހިތާމަކޮށް ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ސެންޓިމެންޓްސް ހިމެނޭކަންތައްތައް ތަކުގައި އަޅުގަނޑުމެން މަގުމަތީ މި އުޅެނީ. އެކަންތައްތައް އިއްވައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އަޅުގަނޑުމެން މި އުޅެނީ. މީގެން ނަތީޖާ ހާސިލްވަނީ ކިހާވަރަކަށްތޯ ދިވެހި ރައްޔިތުން މީހާ ސިކުނޑިން ވިސްނާފަ ވޯޓާ ހަމައަށް ދާނީ،" ޝުޖާއު ވިދާޅުވި އެވެ.