31 Jan 2012, 10:56
ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުމުރުން 24 އަހަރުގެ މިޑްފީލަޑަރު ރަމިރޭސް އަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕުގައި ކިޔުޕީއާރު އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން ޗެލްސީ މޮޅުވި މެޗުގައެވެ. ރަމިރޭސްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އަށް އެއްމަސް ދުވަހުގެ ކުޅުން ގެއްލޭނެ ކަމަށް ޗެލްސީ އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"ކިޔުޕީއާރާއި ދެކޮޅަށް ކުޅުނު މެޗުގައި ރަމިރޭސްގެ ކަކުލުގެ ލިގަމެންޓްސް އަށް ވަނީ އަނިޔާވެފައި. މިއަނިޔާ އާއި ގުޅިގެން ރަމިރޭސް އަށް އެމަސް ދުވަހުގެ ކުޅުން ގެއްލޭނެ." ޗެލްސީ އިން ނެރުނު ބަޔާނެއްގައި ވެއެވެ.
ރަމިރޭސް އަށް ލިބުނު މިއަނިޔާ އާއި ގުޅިގެން އޭނާ އަށް ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗާއި، ސްވަންސީ އަދި އެވަޓަން އާއި ދެކޮޅަށް ކުޅެ މެޗާއި، އެފްއޭ ކަޕުގައި ބާމިންގްހަމް ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލިގެން ދާނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް ރަމިރޭސް އަށް ބައިވެރިއެއް ނުވެވޭނެ އެވެ.