މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކުރި މައްސަލައާ ގުޅިގެން އޭނާ މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ.

އަދުރޭ "ސަން" އަށް ވިދާޅުވީ އޭނާ މަގުމަތީގައި އިށީނދެގެން ދަތުރުފަތުރަށް ހުރަސް އަޅައި އަޑުގަދަކޮށް ހެއްދެވިކަމަށް ފުލުހުން ތުހުމަތު ކުރި ކަމަށެވެ. އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާނެއް މިއަދު ދީފައިވާނެ ކަމަށެވެ.

އަދުރޭ މީގެކުރިން ވިދާޅުވީ އެ ދުވަހު މަގުމަތިން އޭނާ ހައްޔަރުކުރީ ކަކުލަށް ތަދުވާތީ މަގުމަތީގައި އިށީނދެގެން އިންދައި ކަމަށެވެ. އަދުރޭ ވަނީ މިއަދުވެސް އެވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ.

"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ކަކުލުގައި ރިއްސާތީއާ އެކީގަ އެތާ މަގުމަތީގަ ޖައްސާލީ. އޭރު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އިންނަވާނެ އެތަނުގައި އިށީނދެގެން. ޝިޔާމް އަރިހުގައި ޖައްސާލީމާ އެކީގަ އަޅުގަނޑު ނެގީ. ނެގި އިރުވެސް ކީއްކުރަން ކަމެއް ނުބުނޭ. ތެދުވާށޭ ކިޔާ ދެމީހުން ދެ އަތުގަ ހިފީމަ އަޅުގަނޑު ތެދުވީ. ތެދުވުމާ އެއްކޮށް އަޅުގަނޑުމެން ގޮވައިގެން ހިނގައިގަތީ. ހިނގައިގަތީމަ ކައިރީގަ ހުރި ފުލުސް މީހާ ބުނީ ހައްޔަރަށް ވާގޮތަށް ގެންދާށޭ. ދެން ބަހަށް ލައިގެން ގެންދިޔައީ. ގެންގޮސް މާލޭ ކަސްޓޯޑިއަލް އަށް ގެންދިޔައީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެދުވަހު ފުލުހުންގެ ދައުރު އަދާކުރުމަށް އޭނާ ހުރަސް އެޅީ ކިހިނެތްކަން އެއްގޮތަކަށް ވެސް ސާފުނުވާ ކަމަށެވެ. އެދުވަހު ދަރުބާރުގެއަށް ދިޔައީ ކޮވިޑް ވެކްސިނާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ ބައްދަލުކުރަން ކަމަށާއި، ދަރުބާރުގެ އާ ހަމައަށް ދިޔައިރުވެސް ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވީ ދަރުބާރުގެއަށް ވަންނަ ހިސާބުން ކަމަށާއި، އެތަނުން ބޭރުކުރުމުން މަގުމަތީގައި މަޑުކުރީ ކަމަށެވެ. އަދުރޭ ވިދާޅުވީ އެދުވަހު ފުލުހުން އޭނާ ހައްޔަރުކުރީ ކަނޑައެޅިގެން ޣައިރު ގާނޫނީ ގޮތަކަށް ކަމަށެވެ.

"އެއީ ގާނޫނީ ގޮތުން ހައްޔަރެއް ނުކުރެވޭނެ މީހާ ހައްޔަރުކުރަނީ ކީއްވެގެންކަން ނާންގައެއް. ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވިދާޅުވާއިރު، އަޅުގަނޑުމެންނަށް އެއްވެސް އިންޒާރެއް އެތަނުގަ ނުދޭ، އަޅުގަނޑުމެން ދުރަށް ދިއުމަކަށް ވެސް ނުބުނޭ. ހަމައެކަނި އަޅުގަނޑުމެން އެތަނުން ނެރެފަ ކުރިއަށް ދިޔަ ނުދޭން އަތާ އަތް ގުޅާލައިގެން ތިބީ. ދެން އަޅުގަނޑުމެން ވެސް ތިބީ އެތާ ތިރީގަ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކޮށް ތުހުމަތުތަކެއް ކޮށްފައި ވަނީ އަދިކޮޅުގެ އަޑު ކަނޑުވާލައި، އިދިކޮޅުގެ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ބޭނުންވާތީ ކަމަށެވެ.

ޑިމޮކްރަސީއެއްގައި ވެރިކަން ކުރާ ޕާޓީއާ އެއްވަރުގެ ދައުރެއް އިދިކޮޅަށް ވެސް އޮންނާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާއަށް ސަރުކާރުން ހުރަސްއަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިކަމެއްގެ ތެރޭގަ ފެންނާނެ ހުރިހާ ސިފައެއް ފެންނަމުން މިދަނީ. ޑިމޮކްރަސީއޭ ކިޔައިގެން މި މީހުން ވާހަކަ ދައްކަން މޮޅީ. ޑިމޮކްރަސީއަށް އަމަލުކުރާކަށް ނުކެރޭ،" އަދުރޭ ވިދާޅުވި އެވެ.