އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައިއެސްއޯ 9001:2015 ސެޓްފިކެޓް ސްޓެލްކޯ އިން ހާސިލްކޮށްފި އެވެ.

އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ.

އައިއެސްއޯ 9001:2015 ސްޓޭންޑާޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު
ކޮމިޓީ މެނޭޖްމަންޓް ސިސްޓަމެވެ.

އައިއެސްއޯ ސްޓެންޑެޑަށް ސަޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

އެގޮތުން ސްޓެލްކޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަޓިފައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު ސްޓެލްކޯ ވެގެން ގޮސްފައި ވަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސާޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިގެންގޮސްފަ އެވެ.

އެ ސިސްޓަމަށް ސްޓެލްކޯ ސަޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. އެއީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑް އެވެ.

އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސަޓިފައިވުމާއި ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް،" މުޣުނީ ވިދާޅުވި އެވެ.

އެ ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި، އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް މުޣުނީ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

އޭގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އައިއެސްއޯ ސްޓެންޑެޑަށް ސްޓެލްކޯ ސަޓިފައިވެފައިވާއިރު، ފާއިތުވެދިޔަ ދެއަހަރުތެރޭ އެކުންފުންޏަށް ވަނީ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ލިބިފަ އެވެ.

އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަ ބްރޭންޑް އެވޯޑްސްގެ ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ އާއި، ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްވެސް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޣުނީއަށްވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އެމާރޖިންގ ލީޑާ އޮފް ދަ އިޔާ އެވޯޑް ލިބިވަޑައިގެންފަ އެވެ.