ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން އިނގިރޭސިވިލާތާއި މެލޭޝިޔާގައި ކުރިއަށް ނުގެންދެވޭނެކަން ޔަގީންވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައި އޮޓީ ލަންޑަނާއި ކުއަލަލަމްޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އޭޕްރީލް 10 ވަނަ ދުވަހު އިންތިހާބުގެ ވޯޓު ފޮށި ލަންޑަނާއި ކުއަލަލަމްޕޫރުގައި ބެހެއްޓުމުގެ ހުއްދަ ނުލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

މިއަދު ބޭއްވި އިލެކްޝަންގެ ގައުމީ ލަފާދޭ ކޮމިޓީގައި ފޮރިން މިނިސްޓްރީގެ ފަރާތުން ވެސް ވަނީ އެ ގައުމުތަކުގައި ވޯޓު ފޮށިތައް ނުބެހެއްޓޭނެކަން ޔަގީންވެފައިވާކަން ހާމަކޮށްފަ އެވެ.

އެ ދެ ގައުމުގައި ބަހައްޓާ ފޮށިތަކަށް ވޯޓުލުމަށް 2000 އެއްހާ މީހަކު ވަނީ ރަޖިސްޓްރީވެފަ އެވެ. އީސީން ބުނީ އެމީހުންނަށް އެހެން ފޮށްޓަކަށް ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.