މިދިޔަ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލަލީގާގައި ރެއާލް ޒަރަގޯޒާ އާއި ދެކޮޅަށް ކުޅެ 3-1 ލަނޑުން ރެއާލް މެޑްރިޑް ކާމިޔާބު ކުރި މެޗަކީ މެޑްރިޑަށް އުނދަގޫ ވެގެންދިޔަ މެޗެއްކަމަށް އެކުލަބުގެ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.

އެމެޗުގައި މެޑްރިޑުން ޒަރަގޯޒާ ގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޒަރަގޯޒާ އިންނެވެ. ނަމަވެސް ކަކާ އާއި، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސުޓް އޮޒިލް ވަނީ އެޓީމަށް ލީޑު ހޯދައިދިނުމަށް ގޯލުތައް ކާމިޔާބު ކޮށްދީފަ އެވެ.

"ޒަރަގޯޒާ އިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ފުރަތަމަ ހާފުގައި އަހަރެމެންނަށް އެމީހުން ގިނަ އުނދަގޫތަކަކާއި ކުރިމަތި ކުރުވި. އަހަރެމެންގެ ދަނޑުގައި ކުޅޭ ކޮންމެ މެޗަކީ ވަރަށް މުހިންމު މެޗެއް. އެހެންކަމުން މިމެޗުން މޮޅުވެގެން ދިއުމަކީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބީ އެއް." ޕެޕޭ ބުންޏެވެ.

ރެއާލް މެޑްރިޑް އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ. އެއްވަނާގައި މެޑްރިޑް އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއި އެކުއެވެ. އެހެންކަމުން މިސީޒަނުގެ ލަލީގާ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ މެޑްރިޑަށެވެ.