މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުން މަޖުބޫރިކޮށްފި އެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެ އެންގުމަށް އަމަލު ކުރަން ލާޒިމްވަނީ މިއަދުން ފެށިގެންނެވެ.

އެހެން ކަމުން ރާއްޖޭގެ ހުރިހާ ރަށެށްގައި މިއަދުން ފެށިގެން މާސްކު ނާޅާ އުޅޭނަމަ، ޖޫރިމަނާ ކުރާނެ އެވެ. ޖޫރިމަނާ ކުރާ އަދަދަކީ 1،000 ރުފިޔާ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކުރައްވައި މިދިޔަ ހަފްތާގައި ނެރުނު އެ އެންގުމުގައިވާ ގޮތުން މާސްކް އެޅުން އިސްތިސްނާ ވާނީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތާއި އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި، މާސްކު ނުނެގޭ މީހުންގެ އިތުރުން ކެފޭތަކުން ހިދުމަތް ހޯދާ ވަގުތު އެކަންޏެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަަވަޅުތައް ވަރުގަދަ ކުރީ، އަވަސް މިނުގައި ފެތުރޭ އާ ވޭރިއެންޓްގެ ކޭސްތައް ރާއްޖެއިން ފެނި، ގިނަ މީހުން ޕޮޒިޓްވާން ފެށި ހިސާބުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 16،600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 14،556 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،039 އެކެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 55 އެވެ.