މި ދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ، މިސްކިްތަކަށް ދާ މީހުން އަމަލު ކުރަންވީ ގޮތުގެ އުސޫލުތައް ނޫނީ ގައިޑްލައިނެއް ނެރެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނޫސްބަޔާނަކާ އެކު ގައިޑްލައިން އާންމު ކުރަމުން ވަނީ މިދުވަސްވަރު މިސްކިތްތަކަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން އިލްތިމާސްކޮށްފަ އެވެ.

ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމާއި އަމިއްލަ މުސައްލަ ގެންދިއުން އަދި އެ މުސައްލަ މަތީގައި ނަމާދު ކުރުމާއި މާސްކު އެޅުން ހިމެނެ އެވެ.

ހަމައެއާއެކު މިސްކިތަށް ވަދެނިކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށާއި ނަމާދު ނިމުމަށްފަހު މިސްކިތުގައި އިތުރަށް މަޑު ނުކުރުމަށް މިނިސްޓްރީން އިރުޝާދު ދީފައިވެ އެވެ.

މީގެ އިތުރުން ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައި ހުންނަ މީހުންގެ އިތުރުން ހުން އައިސްފައިވާ މީހުންނާއި ކެއްސާމީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި ދުވަސްވަރު މިސްކިތުގައި އަދި މިސްކިިތުން ބޭރުގައިވެސް އަތްޖޯޑުކޮށްގެން ސަލާމް ނުކުރުމަށާއި މިސްކިތުގައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދުވަސްވަރު ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމާއެކު، ފަރުޟު އަދި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށެވެ. އަދި ގުރުއާން ކިޔަވައި، ގިނަގިނައިން ވަކީލުކުރުމަށާއި އަސްތަޣުފާރު ކުރުން މަތީ ދެމިތިބުމަށް ވެސް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.