07 Feb 2021, 13:57
ކޮވިޑު-19 ޖެހިގެން 60 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރި ގޮތުގައި މަރުވީ 60 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ކޮވިޑުގައ ރާއްޖެއިން މަރުވި 55 ވަނަ މީހާ އެވެ.
އެޗްޕީއޭއިން ހާމަ ކުރި ގޮތުގައި އެމީހާ މަރުވެފައިވަނީ މިއަދު 11:07 ހާއިރު އެވެ. އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖެއިން ފެންނަ އަދަދު އެތައް ގުނަ އިތުރުވެފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މިވަނީ އިތުރުވާން ފަށާފަ އެވެ.
މިއަދު މަރުވި މީހާއާއިއެކު މި އަހަރު މިހާތަނަށް ކޮވިޑު ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 55 މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހީންނެވެ.
ރާއްޖޭއިން މިހާތަނަށް ފެނުނު ކޮވިޑުގެ ކޭސްތަކުގެ އަދަދު މިވަގުތު ހުރީ 16،656 ގަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2،039 ކޭސް އެބަ ހުއްޓެވެ.
ވައިރަހުގެ އާ ވޭރިއެންޓް ރާއްޖެއިންވެސް ފެނި، މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ދާދި ފަހުން ހާމަކޮށްފައިވާ އިރު، މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން މާލޭގައި ރޭގަނޑު 8:30 ގެ ފަހުން އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، މާލޭގައި ރޭގަނޑު ހިންގާ ކާފިއުގެ ވަގުތު އަވަސްކުރުމުގެ އިރުތުން މިއަދުން ފުށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކުރުން ހިމެނެއެވެ.
ފިޔަވަޅުތަކާއެކު މިދިޔަ ހަފްތާގައި ރާއްޖޭގައި ކޮވިޑް19 ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ވަނީ ފަށާފައެވެ.