ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ އެކުލަބުގެ ކޯޗު ކަމުން ދުރުވެ އަންނަ ސީޒަނުގައި އިނގިރޭސި ވިލާތަށް އެނބުރި ދާނެ ކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނަން ފަށައިފި އެވެ.

މޮރީނިއޯ ކޯޗުކޮށްދެމުންދާ ރެއާލް އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނާގަ އެވެ. ދެވަނާގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ. އެއްވަނާގައި ރެއާލް އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއި އެކު އެވެ. ޕްރެމިއާ ލީގުގެ ޗެލްސީ އަށް މޮރީނިއޯ ކޯޗުކޮށްދިން ދުވަސްވަރު އެކުލަބަށް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައި ވެއެވެ.

މޮރީނިއޯ އާއި ބެހޭ ގޮތުން އާންމުވަމުންދާ ރިޕޯޓްތަކުން ބުނާގޮތުގައި، އަންނަ ސީޒަނުގައި އޭނާ ގުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ކަމަށެވެ. މެންޔުނައިޓެޑްގައި މަސައްކަތް ކުރާނީ އެކުލަބުގެ މިހާރުގެ ސާ އެލެކްސް ފާގަސަން ހޯދަމުންދިޔަ ކާމިޔާބީ ތަކަށް ވުރެ، ގިނަ ކާމިޔާބީތަކެއް އެކުލަބަށް ހޯދައިދިނުމަށް ކަމަށް ވެސް މިރިޕޯޓްތަކުގައި ވެ އެވެ.