އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރީ ހެނދުނު 11:00 އަށެވެ. އެ އަޑުއެހުމުގައި އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ.

ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވި، ހެކިންގެ އަޑު ލިބުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މައްސަލަގައި ހެކިބަސް ނެގުން ދެން ކުރިއަށް ގެންދާނީ ދައުވާ ލިބޭ ތިން މީހުންނާއި، ދިފާއީ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ވެސް ކޯޓަށް ހާޒިރުކޮށްގެންނެވެ.

އާގިލް މަރާލީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އާގިލް މަރާލާފައިވަނީ އޭނާގެ ކަރަށް ވަޅިން ހަމަލާދީގެންނެވެ. އާގިލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.

އާގިލްގެ މަރާ ގުޅިގެން ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

މައްސަލައިގައި ތުހުމަތުވާ ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ ސްވޭހުހީނާގެ އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އާގިލްއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނާ މީހުން ވެސް ހިމެނެ އެވެ.

އާގިލްގެ މަރާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެއީ ބަދަލު ހިފުމެއް ކަމަށެވެ.