07 Feb 2021, 11:47
ލ. ގަމު ފަޅުގައި އޮތް ޕޮލިސް ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މޫސާ އިނާޒުގެ ބަންދު ކުރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ލ. ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ މިދިޔަ އަހަރު މާޗު 22 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އެ ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.
އެ މައްސަލައިގައި ޓެރަރިމްގެ އަމަލެއް ކުރުމުގެ ދައުވާ ދައުލަތުން އުފުލީ ސަލްޓަން ޕާކުގައި ބޮންގޮއްވި މައްސަލައިގައި ތުހުމަތުކުރެވުނު ލ. ގަން-ތުނޑި/ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާޒުގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިނާޒުގެ ބަންދާ ގުޅޭ ގޮތުން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނީ އިނާޒަކީ ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުވާ މީހެއް ކަމަށާ އަދި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ މުޖުތަމައުގެ ރައްކަލަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ ތެރެއިން ---
އެކަމާ ގުޅިގެން މޫސާ އިނާޒުގެ ޝަކުބާއަކަށްވީ އޭނާއަކީ އުމުރުން 16 އަހަރުން ފެށިގެން އާތްރައިޓްސް ހުންނަ މީހަކަށް ވާތީ ފިނި އަށްޓެއްގައި ނިދަން ޖެހޭތީ އޭނާގެ ބަލި ބޮޑުވެ ހުޅު ހުޅުގައި ރިއްސުމާއި، ސިއްހީ ހާލަތު ދަށްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ބޭސްފަރުވާއަށްވެސް ޖަލުގައި އެކަށީގެންވާ އަހައްްމިއްޔަތު ކަމެއް ނުދޭކަމަށް އޭނާ ފާހަގަ ކުރި އެވެ. އަދި ޖަލުގެ ކާންދޭ ތަކެއްޗާ މެދުވެސް އޭނާ ޝަކުވާ ކުރި އެވެ. އަދި ގޮޅީގައި އަލިކަމެއްވެސް ނުހުންނަ ކަމަށް ވެސް ބުންޏެވެ.
އެހެން ކަމުން އޭނާ ބަންދުން ދޫކޮށްލުމަށާއި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށާއި ނިދާނެ ގޮދަޑިއެއް ހަމަޖެއްސުމަށް މޫސާ އިނާޒު އެދުނެވެ.
ދައުލަތުގެ ވަކީލު ބުނީ، މީގެ ކުރިން މުސާ އިނާޒުގެ ފަރާތުން އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށާއި އެކަން ބަލައިދޭނެ ކަމަށެވެ.
މޫސާ އިނާޒުގެ ވަކީލު ވަނީ އިނާޒު ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، 27 ހެއްކިވެރިއެއް އިނާޒާ ދެކޮޅަށް ހެކިބަސް ދޭން ތިބ ކަމަށް ދައުލަތުން ބުނާ އިރު އެ އެންމެން ހޯދައިގެން އެ މީހުންނަށް ނުފޫޒުފޯރުވައި ބިރު ދެއްކުމަކީ އިނާޒަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބު ނިންމެވީ، މޫސާ އިނާޒު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަންނަ މަހު އިބްތިދާއީ އަޑުހުން ފަށައި، ޝަރީއަތުގެ ތާވަލް ހަދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ލޯންޗުގައި ރޯކޮށްލީ، ފުލުހުން ކުރަމުން ދިޔަ މަސްތުވާތަކެތީގެ ތަހުގީގެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަންދާލާފައިވަނީ ޕޮލިސް ލޯންޗަކީ "34" އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.