މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ހިނގި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުން ޝެޑިއުލްކުރި އަޑުއެހުންތަކުގެ ތެރެއިން 56 ޕަސެންޓް އަޑުއެހުން ކެންސަލްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު 2019އިން އޮކްޓޫބަރު 2020ގެ ނިޔަލަށް ކްރިމިނަލް ކޯޓުން 7850 މައްސަލައެއް ޝެޑިއުލްކޮށްފައިވެ އެވެ.

އޭގެ ތެރެއިން އަޑުއެހުން ބޭއްވުނީ 3426 މައްސަލައިގަ އެވެ. ބާކީ 4424 މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްވެފަ އެވެ. އެއީ 56 ޕަސެންޓެވެ.

އެ މުއްދަތުގައި އާ 985 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާއިރު، އޮކްޓޫބަރު 2020ގެ ނިޔަލަށް އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ޖުމުލަ އަދަދަކީ 1711 އެވެ.

ކްރިމިނަލް ކޯޓުން ނުނިމިހުރި މައްސަލަތަކުގައި 2238 މީހަކަށް ދައުވާ ލިބެ އެވެ. އަދި އެ ކޯޓުން ބަލަމުންދާ މައްސަލަތަކުގައި މިހާތަނަށް ބަންދުގައި ތިބި މީހުންގެ ޖުމުލަ އަދަދަކީ 248 އެވެ.