ވޮޝިންޓަން (ފެބްރުއަރީ 7) : 1976 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަނެ އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ބެލޭނެކަމަށް އެކޯޓުން އިއްޔެހުކުމް ކުރުމުން އިސްރާއީލާއި އެމެރިކާ ކަންބޮޑުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ޖިނާއީ ތަހްގީގްތައްކުރާ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ މި ނިންމުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މިއީ އިސްރާއީލުފަދަ ޑިމޮކްރެޓިކް ގައުމަކުން ފަލަސްތީނުގެ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހުރަސް އެޅުންކަމަށާ "އައިސީސީ" ހުކުމާމެދު "ތަހުޒީބު ދުނިޔެ" ލަދުގަންނަންޖެހޭ ކަމުގައެވެ. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށްކުރާ ޖިހާދު އިސްރާއީލާއި އެމެރިކާއިން ސިފަކުރަނީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގަ އެވެ.

"ތަހުޒީބު ދުނިޔެ" ކަމަށް ނަތަންޔާހޫ ސިފަކުރައްވާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ފަލަސްތީނުގެ އާންމުން މެރުންފަދަ ހަނގުރާމައިގެ ޖަރީމާތަކަށާއި އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސްވަނީ އިސްރާއީލުގެ އަނިޔާވެރިކަމާދެކޮޅާށް "އައިސީސީ" ންކުރި ހުކުމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ނަމަވެސް މިހުކުމާދެކޮޅަށް ޔޫރަޕްގެ ގައުމަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން

އެމެރިކާއިން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ގެ ނަމުގައި ޕްރޮޕަގެންޑާ ކުރަމުން ގެންދާއިރު އެމެރިކާ އެހީވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަނިޔާވެރިކަމާއި އިސްތިއުމާރީ ހަރަކާތްތަކަށެވެ. މީގެއިތުރުން މިސްރު، ސައޫދީ، ޔޫއޭއީ، އަދި ބަހްރައިންފަދަ ގައުމުތަކުގައި ހިންގާ އާއިލީ ރަސްކަމުގެ ޚުދުމުޚްތާރު ނިޒާމުތަށް ދެމެހެއްޓުމަށް އެންމެބޮޑަށް ވާގިވެރިވާ ގައުމަކީވެސް އެމެރިކާއެވެ.

ސައޫދީން ޔަމަނާ ދެކޮޅަށް ހިންގާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ވާގިވެރިވާ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ. ނަމަވެސް އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މީގެ ދެދުވަސްކުރިންވަނީ ޔަމަންގައި ސައޫދީ ހިންގާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް އެމެރިކާ ވާގިވެރިވާ ވާގިވެރިވުން ހުއްޓާލުމަށް ނިންމާފައެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބެލުމަކީ "އައިސީސީ" އިޚްތިސާސްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެކޯޓުން އިއްޔެ ނިންމުމާ ގުޅިގެން އިސްރާއީލުގެ ވެރިންނާއި ސިފައިން ބައިނަލްއަގްވާމީ އަދާލަތުގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ގާނޫނީ މަސައްކަތްތައް ފަށާނެކަން ފަލަސްތީނުގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ފަލަސްތީނުގެ އާންމުން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ޝަހީދުކޮށް ފަލަސްތީނުގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް ދިގުމުއްދަތަކަށް ޖަލަށްލުންފަދަ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. މިޖަރީމާތައް ބަލައި އިސްރާއީލުގެ ވެރިންނާއި ސިފައިން ގެ މައްޗަށް ބައިނަލްއަގްވާމީ ގޮތުން ޝަރީއަތް ހިންގޭނެ ދުވަހެއް ފެނުމަކީ ފަލަސްތީނު ރައްޔިތުންގެ ވަރަށްބޮޑު އުންމީދެކެވެ.

އެމެރިކާއިން އަފްޣާނިސްތާނާއި އިރާގުފަދަ ގައުމުތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެމެރިކާގެ ވެރިންގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ޝަރީއަތް ހިންގަފާނެތީ އެމެރިކާގެންދަނީ އެކޯޓަށް ވަރަށްބޮޑަށް ޖެއްސުންކޮށް އެކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުންފަދަ އަމަލުތައް ހިންގަމުންނެވެ. މިގޮތުން އެމެރިކާއިންވަނީ "އައިސީސީ" ގެ ފަނޑިޔާރުން އެމެރިކާއަށް ދަތުރުކުރުމުގެ ވިސާ ނުދިނުމަށްވެސް ނިންމާފައެވެ.

ނަމަވެސް ސޫދާންގެ ކުރީގެ ރައީސް އުމަރުލްބަޝީރުފަދަ އެފްރިކާފަދަ ގައުމުތަކުގެ ބައެއް ވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެބޭފުޅުން "އައިސީސީ" އަށް ހާޒިރުކުރުމަށް އެމެރިކާ ގެންދަނީ ބާރުއަޅަމުންނެވެ.