އައްޑޫ ސިޓީ ހިތަދުއިން ފެނުނު ކޮވިޑްގެ ކްލަސްޓާއާ ގުޅުހުންހުރި މީހަަކު ގދ. ތިނަދުއިން ޕޮޒިޓިވްވެއްޖެ އެވެ.

ތިނަދުއިން މީހަކު މިރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ މިރޭ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިި މަހުގެ ތިން ވަނަ ދުވަހު އައްޑުއިން އެރަށަށް ދިޔަ މީހެއް ކަމަށެވެ.

"އެއީ އައްޑޫ ސިޓީގެ ހިތަދުއިން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް. މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އަހްމަދު ސައީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދުގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު އިއްޔެ ޕޮޒިޓިވްވުމުން ހިތަދުއާ ގުޅިފައިވާ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އޭގެ ކުރިން ކޭސްތަކެއް ފެނިގެން ހުޅުމީދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ހިތަދުއިން ޕޮޒިޓިވްވި ދެމީހުންނަކީ ވެސް އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެމީހުންނެވެ. އަދި ފްލޫ ކްލިނިކަށް ދައްކާފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ "ސަން"އަށް ވިދާޅުވީ، ޕޮޒިޓިވް ކޭސްތައް ފެނުނު ގޮތަށް ބަލާއިރު، މިހާރު އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް[އާންމުންގެ ތެރޭގައި ބަލި ފެތުރުން] އޮތް ކަމަށް ބެލެވޭ ކަމަށެވެ. ބަލި ރަށަށް ފެތުރިފައިވަނީ، އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން މާލެއިން އައްޑުއަށް ދިޔަ ބައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަކިން އޮންނަ ހުޅުމީދުއިން މިހާތަނަށް 18 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އެ ރަށަށް ބަލި ދިޔައީ މަސައްކަތަކަށް އެ ރަށަށް ގޮސް ކަރަންޓީނުވެގެން ތިބި ބައެއްގެ ފަރާތުންނެވެ.

ތިނަދުއިން އެކަކު ޕޮޒިޓިވްވިއިރު، އެރަށް އަދި މޮނީޓަރިންގެ ހާލަތައް ނުގެނެ އެވެ.