31 Jan 2012, 10:51
އިންޓަމިލާންގެ ބްރެޒިލް މިޑްފީލްޑަރު ކޫޓީނިއޯ ލޯނުގެ ދަށުން އެސްޕާނިޔޯލް އާއި ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. މިރިޕޯޓްތަކުން ބުނާ ގޮތުގައި، އެސްޕާނިޔޯލް އާއި ކުޓީނިއޯ ގުޅޭނީ މިސީޒަންގެ ބާކީ މުއްދަތަށެވެ.
އިޓަލީގެ ނޫހެއް ކަމަށްވާ މާކާ އިން ބުނަމުންދާ ގޮތުގައި، އިންޓަ އާއި އެސްޕާނިޔޯލް އާއި ދެމެދު ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މިވާހަކަތަކަށް ފަހު، ވަރަށް އަވަހަށް އެއްބަސްވުމަކަށް ދާނެ ކަމަށް މާކާ ނޫހުން ބުނެއެވެ.
މިސީޒަނުގައި ފިޓްނަސްގެ މައްސަލަތަކެއް އުޅުމުގެ ސަބަބުން ޒުވާން މިޑްފީލްޑަރު ކޫޓީނިއޯ އަށް އިންޓަގެ ޓީމުން ޖާގަ ލިބުނީ މަދު ފަހަރަކު އެވެ. އެގޮތުން ކޫޓީނިއޯ އިންޓަ އިން މިސީޒަނުގައި ފެނިފައިވަނީ އެންމެ ފަސް ފަހަރު އެވެ.
އުމުރުން ނަވާރަ އަހަރުގެ ކޫޓީނިއޯ ގެންދިއުމަށް ސްޕެއިންގެ މަލާގާ އާއި ޗިއޭވޯ އިން ވެސް މަސައްކަތް ކޮށްފައި ވެއެވެ. ވަސްކޯ ޑަ ގަމާ އިން 2008 ވަނަ އަހަރު ކޫޓީނިއޯ އިންޓަ އާއި ގުޅުނީ 3.8 މިލިޔަން ޔޫރޯ އަށެވެ. ނަމަވެސް ދެ ސީޒަނެއް ކޫޓީނިއޯ ހޭދަކުރީ ލޯނުގެ ދަށުން ބްރެޒިލް ކުލަބުތަކުގަ އެވެ.