ރާއްޖޭގައި ކޮވިޑް ކޮންޓްރޯލު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޑރ. މުރާދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

"އަޅުގަނޑު ކޮވިޑް ވެކްސިން ޖަހާ ފޮޓޯއަކަށް އިންތިޒާރު ކުރަމުންދާ އާއިލާއާއި ރަހުމަތްތެރިންނަށް ބުނެލަން އޮތީ، އަޅުގަނޑު މިހިރީ ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަންގައި. ކަރަންޓީންގެ މުއްދަތު ހަމަވަންދެން ވެކްސިން ޖަހަން މަޑު ކުރަން ޖެހޭނީ." އެ ޕޯސްޓުގައި ޑރ. މުރާދު ވިދާޅުވި އެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ކޮވިޑް، އެއްވެސް މީހަކަށް ތަފާތުނުކުރާ ކަމަށެވެ. އަދި ސައިބޯނިލައިގެން އަތްދޮވުމާއި މާސްކު އެޅުން އަދި ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް އެދިވަޑައިގެންނެވި އެވެ.

ހަމައެއާއެކު އެމީހަކު ވެކްސިން ޖަހަންވީ ވަގުތު ޖެހުމުން، ވެކްސިން ޖެހުމަށާއި އެންމެން ގުޅިގެން ޕެންޑެމިކްއާ ދެކޮޅަށް މަސައްކަތް ކުރުމަށްވެސް އެނާ ވަނީ އެދިވަޑައިގެންފަ އެވެ.