ރެކޯޑް ޓްރާންސްފާ އެއްގައި ލިވަޕޫލް އަށް މިސީޒަނުގައި ބަދަލުވި އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އެކުލަބު ދޫކޮށް ދާން އުޅޭ ހަބަރުތައް ދޮގުކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ނިއުކާސަލް އާ އެކު ކާމިޔާބީ ސީޒަނެއް ހޭދަކުރުމަށް ފަހު، މިސީޒަނުގައި 35 މިލިޔަން ޕައުންޑަށް ލިވަޕޫލް އާ ގުޅުނު ކެރޯލް އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ލިވަޕޫލް ދޫކޮށް ކެރޯލް ދާން އުޅޭ ރިޕޯޓްތަކެއް ދާދި ފަހުން އާންމުވެފައިވެ އެވެ. އެގޮތުން ކުރީގެ ކުލަބު ނިއުކާސަލް އަށް ދިއުމަށް ނޫނީ މެންސިޓީގެ އާޖެންޓީނާ ފޯވާޑް އާއި ކެރޯލް އާއި ކުލަބު ބަދަލުކުރަން އުޅޭ ހަބަރުތަކެއް ވެސް އާންމުވެފައިވެ އެވެ. ނަމަވެސް މިރިޕޯޓްތަކަށް ރައްދުދީ ކެރޯލް ވަނީ އެރިޕޯޓްތައް ދޮގުކޮށްފަ އެވެ.

"އަހަރެންނަށް ލިވަޕޫލް ވަރަށް ބޮޑަށް އެހީތެރިވި. މިކުލަބުގެ ކުޅުންތެރިން ވެސް ތިބީ އަހަރެންނާ އެކު. އަހަރެން މިކުލަބާ އެކު ވާނީ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައި، އެހެން ކަމުން މިއީ އަހަރެންގެ ޓީމު. މިޓީމުން ވަކިވުމުގެ އެއްވެސް ޚިޔާލެއް ނެތް." ކެރޯލް ބުންޏެވެ.

މިހާތަނަށް ލިވަޕޫލް އަށް ކެރޯލް އަށް ކާމިޔާބު ކޮށްދެވިފައިވީ އެންމެ ހަ ގޯލެވެ. އެއީ އެކުލަބާ އެކު ކެރޯލް ކުޅުނު 36 މެޗުންނެވެ. ކެރޯލް އަށް ވަނީ ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުނދަގޫތަކަކާއި ކުރިމަތިވެފައިވެ އެވެ.