06 Feb 2021, 17:06
އައްޑޫ ސިޓީ ހިތަދޫގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވުމުން އެ ސިޓީއަށް އަރައި ފޭބުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއވާފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކަކީ ހިތަދޫގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އަނެއް މީހާއަކީ އެ ސިޓީގެ ގުޅިފައިވާ ރަށެއްގައި ދިރިއުޅޭ މީހެއް ކަމަށެވެ.
އެ ދެމީހުންނަކީ ވެސް އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެމީހުންނެވެ، އަދި ފްލޫ ކްލިނިކަށް ދައްކާފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ.
ހިތަދޫގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދޫ އިން ވެސް ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނިފަ އެވެ. މިހާތަނަށް ހުޅުމީދޫއިން 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެ އަވަށް އޮތީ މޮނިޓަރިންގ ގައެވ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ހުޅުމީދުއަށް އެއްވެސް އުޅަނދެއް ވަނުމާއި ފުރުންވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން ހުޅުދޫ އަދި މީދޫގައި ގާއިމުވެ ހުރި އެއްވެސް މީހަކު އެޗްޕީއޭގެ އަމުރު ދެމިއޮތްހާ ހިނދަކު އެ ދެއަވަށުން ފުރައިގެން ނުދިއުމަށާއި އަމުރުގެ ހާލަތުގައި ހުޅުދޫ އަދި މީދުއަށް ނުފުރަން ވަނީ އަންގައިފަ އެވެ.
މޮނިޓަރިންގ ހާލަތުގައި އޮންނަ މުއްދަތުގައި ހުޅުދޫ އަދި މީދޫގެ މަސްވެރިން މަހަށް ނުފުރުމަށާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ކިރުން މެދުކަނޑާލަން ވެސް ވަނީ އަންގައިފަ އެވެ.