06 Feb 2021, 17:48
ދިރާގުގެ ފްރަންްލައިން މުވައްޒަފުންނަށް ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފި އެވެ.
ދިރާގުން ބުނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އެހެންކަމުން ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދިރާގުގެ ބައެއް މުވައްޒަފުން ރެޖިސްޓާކޮށް މިއަދު ވެކްސިން ޖަހާފައިވާ ކަމަށެވެ.
ނަމަވެސް ވެކްސިން ދީފައިވަނީ ކިތައް މުވައްޒަފުންނަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ދިރާގުން ބުނީ ކޮވިޑްގެ ތިން ވަނަ ރާޅުގައި ވެސް ފްރަންޓްލައިން އިންޖިއަނަރުންނާއި ޓެކްނީޝަނުން ގޭގެއަށް ޒިޔާރަތްކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ހަމައެއާއެކު، ކަސްޓަމާ ސާވިސް މުވައްޒަފުން ވެސް ފްރަންޓްލައިންގައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ،
ދިރާގުން ބުނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑާއަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލްކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.