31 Jan 2012, 10:47
ތިމާވެށީގެ ނަމޫނާ އިމާރާތެއް ރާއްޖޭގައި ގާއިމް ކުރުމަށާއި އިމާރާތްކުރުމުގެ ސިނާއަތަށް ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކެއް ތައާރަފްކުރުމުގެ ބޭނުމުގައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހިމަނައިގެން ހަދާ ނަމޫނާ އިމާރާތް، ގްރީން ބިލްޑިންގްގެ ބިންގާ އަޅައިފި އެވެ.
އިއްޔެ އެންވާރަމަންޓް މިނިސްޓަރީގައި އޮތް ރަސްމިއްޔާތުގައި ގްރީން ބިލްޑިންގް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. ގަނޭޝްވަރް މުލޭ އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަރީފާއި ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އެސްކޭމާމްގެއިން ނެވެ.
އެންވާރަމަންޓް މިނިސްޓަރީން މައުލޫމާތު ދިން ގޮތުގައި އެ ޕްރޮޖެކްޓަށް ހަރަދުކުރަން ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށާއި އިމާރާތުގައި ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރާއި އެންވާރަމަންޓް ޕްރޮޖެކްޓް އޭޖެންސީ އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީ ހިމެނޭ ކަމަށެވެ.
އެ އިމާރާތް ހަދަން ކޮންޓްރެކްޓްކޮށްފައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއަށް 15.3 މިލިއަން ދިވެހި ރުފިޔާ އަށް 156 ދުވަސް ތެރޭގައި ނިންމުމަށް ކަމަށާއި އެ ފަރާތުން އެ މަސައްކަތްކުރައް ވާނީ އިތުރު ދެ ކުންފުންޏަކާ ގުޅިގެން ކަމަށް މިނިސްޓަރީން މައުލޫމާތު ދިނެވެ.