06 Feb 2021, 14:42
ނޭޕީޑޯ (ފެބްރުއަރީ 6): މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގެ ޔަންގޮން ސިޓީގައި އެތައް ހާސް މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވި ފަހުން އެގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ، އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ މުޒާހަރާތަކުގައި ޑިމޮކްރަސީ ގާއިމު ކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި ބަޣާވާތް ކުރި ދުވަހު ހައްޔަރު ކުރި ލީޑަރު އަންގް ސަން ސޫޗީ އާއި އެ ސަރުކާރުގެ އެހެން ބޭފުޅުން ދޫކޮށްލުމަށްވެސް ދަނީ ގޮވާލަމުންނެވެ.
އެ އެއްވުން ހުއްޓުވުމަށްޓަކައި ފުލުހުން މަގު ބަންދު ކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން މިސްރާބު ބަދަލުކޮށް، ކުރިއަށް ދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ސީއެންއެންއަށް މައުލޫމާތު ދިނެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އާ ސަރުކާރާ ދެކޮޅަށް މީހުން ތެދުވުން ހުއްޓުވުމަށްޓަކައި އެގައުމުގައި މުވާސަލާތީ ހިދުމަތްތަކަށް ހުރަސް އަޅާފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކް ބޭނުން ނުކުރެވޭ ގޮތް ހަދާ، ޓުވިޓާ އާއި އިންސްޓަގްރާމްވެސް ބޭނުން ނުކުރެވޭ ގޮތް ހަދަން އަންގާފައިވާ ކަމަށް މިޔަންމާއަށް އިންޓަނެޓު ފޯރުކޮށްދޭ ކުންފުންޏަކުން އިއްޔެ ބުންޏެވެ.
ނަމަވެސް މިޔަންމާގެ އެކި ސަރަހައްދުތަކުގައި އަސްކަރީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ރޭގަނޑު ގަޑީގައި ތެއްޔާއި ތަވާ ފަދަ ތަކެތީގައި ތަޅާ، އަޑުގަދަކޮށްފައިވެ އެވެ. އަދި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުގައި ޓީޗަރުންނާއި ދަރިވަރުންނާއި ޑޮކްޓަރުން ބައިވެރިވެފައިވެ އެވެ.
މިޔަންމާގެ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އަންގް ލެއިންގް އެގައުމުގައި އެއް އަހަރަށް ކުއްލި ހާލަތު އިއުލާންކޮށް، ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އެވެ. އެ އިންތިހާބުގައި ސޫޗީގެ ޕާޓީން 80 ޕަސެންޓު ވޯޓު ކާމިޔާބު ކުރި އެވެ. އަދި އަސްކަރިއްޔާ އިން ވަނީ އެ އިންތިހާބުގައި މައްސަލަތައް ހުރި ކަމަށާއި އަލުން އިންތިހާބެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
ސޫޗީގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ އާއި ކުރީގެ ރައީސް ވިން މަޔަންޓް ތިއްބެވީ ގޭ ބަންދުގަ އެވެ. ނަމަވެސް އެ ދެ ބޭފުޅުންނާ ބައްދަލު ކުރުމަށް އަދި ހުއްދައެއް ނުލިބެ އެވެ.